ތިމާވެށި

ސާފު ރާއްޖެ މަހާސިންތާގައި މުޙިއްމު ކަންތައްތަކެއް ނިންމާނެ


ސާފު ރާއްޖެ ޤައުމީ މަހާސިންތާގައި، ރާއްޖޭގައި ކުނި މެނޭޖްކުރާނެގޮތުގެ މުހިއްމު ކަންތައްތަކެއް ނިމިގެންދާނެކަމަށް އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާފު ރާއްޖެ މަހާސިންތާ" އާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުންނެވެ.

އެންވަޔަރްމަންޓް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކުނި މެނޭޖްކުރުމާ ބެހޭގޮތުން ހުރިހާ އަތޮޅުތައް ހިމެނޭގޮތަށް މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި މަހާސިންތާގައި، މިހާރު އެކުލަވާލައްވަމުން އަންނަ ކުނި މެނޭޖްކުރުމާބެހޭ ޤާނޫނު އެކުލަވާލެއްވުމާ ބެހޭ މަޝްވަރާތައްވެސް ހިމެނޭކަމަށެވެ. އަދި އަތޮޅާއި ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމާއި ކުނި މެނޭޖްކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސްމަޝްވަރާކުރެވިގެން ދާނެކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

މިމަހާސިންތާގައި ނިންމުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި މާލޭގެ ކުނި މެނޭޖްކުރުމުގެ ޕްލޭން ފައިނަލްކުރެއްވުމާއި، އަންނަ އަހަރުގެ ތެރޭގައި ކުނި މެނޭޖްކުރުމަށް ކުރެވޭނެ ކަންތައްތައް ކަނޑައެޅުން ހިމެނޭކަމަށް މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.

މީގެ އިތުރަށް މިމަހާސިންތާގެ ސައިޑްލައިން އިވެންޓެއްގެ ގޮތުން މިއަހަރުގެ ޖެނުއަރީމަހު ބޭއްވި ތްރީއާރު ފޯރަމުގައި ނިންމާފައިވާ ކަންތައްތަކުގެ ފޮލޯއަޕެއް ހެއްދެވުމަށް ހަމަޖެހިފައިވާކަމަށްވެސް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ކުރިއަށްއޮތްތަނުގައި އަހަރަކު އެއްފަހަރު މިފަދަ މަހާސިންތާއެއް ބޭއްވެވުމަށް ނިންމާފައިވާކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިމަހާސިންތާގައި ރާއްޖޭގެ 175 ރަށަކުން 346 މަންދޫބަކު ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މީގެތެރޭގައި ކައުންސިލް އިދާރާތަކުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުގެ މަންދޫބުން ހިމެނޭކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.