ތިމާވެށި

"އައިދިން" ކާޓޫން ޕީއެސްއެމްގެ ޗެނަލްތަކުން ބްރޯޑްކާސްޓުކުރަނީ


ފަންނީ ބަޔަކާ ޙަވަލުކުރައްވައިގެން، ރާއްޖޭގެ ތިމާވެށީގެ ޙާލަތު ކުޑަކުދިންނަށް އަންގައިދެއްވައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓުއަރިޒަމް މިނިސްޓްރީން އުފެއްދެވި ޚާއްޞަ ކާޓޫން "އައިދިން" ޕަބްލިކް ސަވިސް މީޑިއާގެ ޗެނަލްތައް މެދުވެރިކޮށް ބްރޯޑްކާސްޓުކުރުމަށް ހަމަޖައްސަވައިފިއެވެ.

މިއީ، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރެއްވުމަށް ރާއްޖޭގައި ބްރޯޑްކާސްޓްކުރެވޭ ފުރަތަމަ ކާޓޫނެވެ.

ޓުއަރިޒަމް މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން ހިންގަވާ ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮގްރާމްގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތައް މެދުވެރިކޮށް އައިދިން ކާޓޫނު ދެއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިކަމައްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިއެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޞާލިޙްއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އީ ކޮމާސް އެންޑް މާރކެޓިންގ އިބްރާހީމް ނަޞްރީންއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބިނާވެފައިވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ މައްޗަށް ކަމަށް ވާއިރު، މި މިރީތިކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވަނީ ކުޑަކުދިންކަމަށެވެ. އެހެންކަމުން މިފަދަ ހޭލުންތެރިކަން އިތުރުކުރުމުގެ ކާޓޫނެއް އުފައްދަވައި ފޮނުއްވުމުގެ އެންމެ މުހިންމު ބޭނުމަކީ، މިކަމަށް ކުޑަކުދިން ހޭލުންތެރިކުރުވުންކަމަށް ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ވާހަކަދައްކަވަމުން ޑިރެކްޓަރ އީ-ކޮމާސް އެންޑް މާރކެޓިންގ އިބްރާހީމް ނަޞްރީނު ވިދާޅުވީ، މި ކާޓޫން ބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ޕީ.އެސް.އެމް އަށް ލިބިމުން، ކުރިއަށް އޮތް ޖީލަށް ރަނގަޅު މެސެޖެއް ފޯރުކޮށްދެވޭހެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކުންފުނީގެ ހުރިހާ ޗެނަލެއް މެދުވެރިކޮށް ޕީއެސްއެމްގެ ފަރާތުން އެންމެ އެކަށީގެންވާގޮތަށް މިކާޓޫން މާރކެޓްކޮށް ޕްރޮމޯޓްކުރާނެކަމަށެވެ.

ކުޑަކުދިން ޝައުޤުވެރިވާ ފަދަ ގޮތަކަށް "ނަންބަރ ތްރީ ސްޓޫޑިއޯ" އިން ތައްޔާރުކޮށްފައިވާ "އައިދިން" ކާޓޫނަށް ދީފައިވަނީ ނަމަކީ، ކާޓޫންގައި ފެނިގެންދާ ކުޑަކުއްޖާގެ ނަމެވެ. އައިދިންގެ އިތުރުން ކުޑަކުދިންތަކަކާއި، ވާހަކަދައްކާ ވެލައެއްވެސް މިކާޓޫނުން ފެނިގެންދާނެއެވެ. ބެލެނިވެރިންނާއެކު ކުޑަކުދިންނަށް ބަލާލެވޭ މި ކާޓޫނުގެ ދިގުމިނަކީ، 37 މިނެޓެވެ. އައިދިން ކާޓޫނުގައި މަޢުލޫމާތު ލިބޭ ސެގްމަންޓެއްވެސް ހިމަނުއްވާފައިވެއެވެ.

މިކާޓޫން ޓެލެވިޜަން މޯލްޑިވްސްއާ ދިވެހިރާއްޖޭގެ އަޑުން ވަރަށް އަވަހަށް ބްރޯޑްކާސްޓްކުރަން ފަށާނެއެވެ. އައިދިންގެ ޑީ.ވީ.ޑީ ކޮޕީ އެޑިއުކޭޝަން މިނިސްޓްރީއާ ޙަވާލުކުރެވިފައިވާއިރު، މިކާޓޫންގެ ކްލިޕްތަކާއި މުޅި ކާޓޫންވެސް ސްކޫލްދަރިވަރުންނަށް ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

ތިމާވެށީގެ މައްޗަށް ކުޑަކުދިން ހޭލުންތެރިކުރުމުގެ މި ކާޓޫނު ޕީއެސްއެމްގެ ޗެނަލްތަކުން ދައްކަން ހަމަޖެއްސިއިރު، ޕީއެސްއެމްގެ ޗެނަލްތަކުން ޚަބަރާއި ޕްރޮގްރާމްތަކާއި ޢާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ސްޕޮޓްތަކުގެ ގޮތުގައި ތިމާވެށީގެ މައްޗަށް ޢާންމުން ހޭލުންތެރިކުރުވުމާއި ތިމާވެށީގެ މައްޗަށް ލޯބި އުފެއްދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.