އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ އެކު ދުނިޔޭގެ މާލީ ބާޒާރުތަކާއި ހިއްސާގެ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރައިފިއެވެ. ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި، ބޭރު ޤައުމުތަކާ ދެކޮޅަށް އޭނާ އިޢުލާނު ކުރައްވާފައިވާ ޑިޔުޓީތަކަކީ އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބޭނުންވާ މުހިންމު "ފަރުވާ"އެކެވެ. އަދި، ޑިޔުޓީތަކަށް ލުއިދެވޭނީ ޤައުމުތަކުން އެމެރިކާއަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމަށް އެއްބަސްވުމުން ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕްގެ ނިންމެވުމާ އެކު އެންމެ ބޮޑަށް ލޮޅުން އަރާފައިވާ މާލީ ބާޒާރުތަކާއި ހިއްސާގެ ބާޒާރުތަކުގެ ތެރޭގައި އޭޝިޔާގެ ޤައުމުތަކުގެ ބާޒާރުތައް ހިމެނެއެވެ. އަދި، ވިލާތުގެ ޤައުމުތަކުގެ ބާޒާރުތަކަށް ވެސް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. ވިލާތުގެ ޤައުމުތަކުގެ ހިއްސާގެ ބާޒާރުތަކުގައި އަގުތައް، ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި ވެއްޓިފައި ނުވާ މިންވަރަކަށް ވަނީ ވެއްޓިފައެވެ. އަދި، ތެލުގެ އަގު އުފުލި، އިންވެސްޓަރުންނަށް ވަނީ ބިރަކާ ކުރިމަތިވެފައެވެ.
އިޤުތިޞާދީ މާހިރުން ބުނީ ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދާނެ ކަމުގައެވެ. އަދި، މުދަލަށް އޮތް ޑިމާންޑު ވެއްޓި، ދުނިޔޭގެ އިޤުތިޞާދަށް 'ރިސެޝަނެއް' ނުވަތަ މަޑުޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.
ޓްރަމްޕްގެ ނިންމެވުމާ އެކު ބޮޑެތި ލޮޅުންތަކެއް އިހުސާސްވެފައިވާ ބާޒާރުތަކުގެ ތެރޭގައި ޗައިނާއާއި ހޮންގކޮންގގެ ހިއްސާގެ ބާޒާރު ހިމެނެއެވެ. އެ ލޮޅުންތައް ފޫބެއްދުމަށް ޗައިނާއަށް ވަނީ އެ ޤައުމުގެ ސޮވެރެން ފަންޑުން ހޭދަ ކުރުމަށް މަޖުބޫރުވެފައެވެ.
އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީއަށް ބޮޑު ކުރުމާ ގުޅިގެން، އެ ކަމަށް ރައްދު ދިނުމާ މެދު ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ވަޒީރުން ދަނީ ވިސްނަމުންނެވެ. އެ ކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް އޭޕްރިލް 7ވަނަ ދުވަހު އީޔޫގެ މާލީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއް ބާއްވާނެއެވެ. އެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކަށް ވާނީ، އެ ޤައުމުތަކުގެ އިޤުތިޞާދަށް ހީނަރުކަން ނާންނާނެ މޭރުމަކުން އެމެރިކާއާ ދެކޮޅަށް ވެސް ފިޔަވަޅުތަކެއް އެޅުމާ މެދު ގޮތްތަކެއް ނިންމުމެވެ.
ޓްރަމްޕްގެ ނިންމެވުމާ އެކު އެމެރިކާގެ އިޤުތިޞާދު މަޑުޖެހިގެންދާނެ ކަމުގައި ވެސް އިޤުތިޞާދީ ދާއިރާގެ މާހިރުން ހާމަކުރިއެވެ. މި ގޮތުން، ދުނިޔޭގެ އެންމެ ބޮޑެތި އިންވެސްޓްމެންޓް ބޭންކުތަކުގެ ތެރޭގައި ހިމެނޭ ގޯލްޑްމަން ސެކްސުން ބުނީ، ކުރިއަށް އޮތް 12 ވަރަކަށް މަހުގެ ތެރޭގައި އެ ޤައުމުގެ އިޤުތިޞާދު މަޑުޖެހިގެން ދިޔުމުގެ ފުރުޞަތު %45އަށް އުފުލިފައިވާ ކަމުގައެވެ. އެމެރިކާގެ އިޤުތިޞާދު %0.3އިން ދަށަށް ދާނެ ކަމުގައި ޖޭޕީމޯގަނުން ވެސް ވަނީ އިންޒާރު ކޮށްފައެވެ.
ނަމަވެސް، ޓްރަމްޕް ވިދާޅުވީ އެ އިންޒާރުތަކާ މެދު އެއްވެސް ފަރުވާލެއް ނެތް ކަމުގައެވެ. އަދި، ދުނިޔޭގެ މާލީ ބާޒާރުތަކަށް އަންނަމުންދާ ލޮޅުންތަކާއި، ގެއްލެމުންދާ އެތަކެއް ޓްރިޔިލަން ޑޮލަރަކާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމުގައެވެ. "އެއްވެސް އެއްޗެއް [އަގުތައް] ދަށްވުމަކަށް އަޅުގަނޑު ނޭދެން. ނަމަވެސް، ބައެއް ފަހަރު، ކަންކަން ޙައްލު ކުރުމަށް މި ފަދަ ފަރުވާތައް ބޭނުން ކުރަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ބައެއް ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ %50އަށް ބޮޑު ކުރުމަށް ޓްރަމްޕް ވަނީ ނިންމަވާފަައެވެ. އޭނާ ވިދާޅުވީ، އެ ކަންކަމަށް ހައްލު ހޯދުމާ ގުޅޭ ގޮތުން ވިލާތާއި އޭޝިޔާގެ ޤައުމުތަކުގެ ވެރިންނާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައެވެ. "އެ މީހުން [ޤައުމުތަކުގެ ވެރިން] ބޭނުމީ މަޝްވަރާ ކުރަން، ނަމަވެސް މަޝްވަރާ ކުރެވޭނީ ކޮންމެ އަހަރަކު ވެސް [އެމެރިކާއަށް] ބޮޑު އަގެއް ދައްކައިގެން،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ނިންމެވުމާ މެދު ގިނަ ޤައުމުތަކަކުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤުތިޞާދު ކަމުގައިވާ ޗައިނާއިން ވަނީ އެމެރިކާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ. އަދި، އެމެރިކާގެ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރުމަށް ނިންމާފައެވެ. ޗައިނާގެ އިތުރުން ތައިވާނުގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެސް %10ން ދަށަށް ގޮސްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މީގެ އިތުރުން، ވިލާތުގެ ބާޒާރުތަކުގެ ދިފާޢީ ދާއިރާގެ ހިއްސާތަކުގެ އަގުތަކަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.