ތިމާވެށި

13 ރަށެއްގެ ޑީސަލް ޕަވަރ ޕްލާންޓް ހައިބްރިޑް ސިސްޓަމްތަކަކަށް


ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި ޑީސަލް ޕަވަރ ޕްލާންޓްތައް، ޢިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރެއްވުމުގެ މަސައްކަތް ސަރުކާރުންފަށްޓަވައިފިއެވެ.

ސަރުކާރުގެ އަމާޒަކީ މިފަސްއަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ދުވާލުގަޑީގައި އުފައްދާ ކަރަންޓްގެ 30 އިންސައްތައަކީ ޢިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން  ވިދާޅުވީ ހައިބްރިޑް ސިސްޓަމްތަކަށް ހދ އަތޮޅު 13 ރަށްތައް ބަދަލު ކުރުމުގެ މަޤުޞަދަކީ އެރަށްރަށުގައި  ބޭނުން ކުރާ ޑީސަލް ޕަވަރ ޕްލާންޓްތައް އޮޓޮމޭޓްކުރުމާއި ޕަވަރ ޑިސްޓްރިބިއުޝަން ގްރިޑްތަކުގައި ފެންވަރު ރަނގަޅު ކުރުންކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތެލަށް ބަރޯސާ ވާ މިންވަރު ދަށްކުރެވި، ޔަޤީންކަމާއެކު ކަރަންޓު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށްރާއްޖޭގެ އެހެން ބައެއްރަށުގައިވެސް މިފަދަ ޕްރޮޖެކްޓްތައް ދަނީ ހިންގަވަމުންނެވެ. މީގެ ތެރެއިން ހއ.، ށ.، ނ. އަދި އދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހަދަންޖެހޭ ދިރާސާތައް މިހާރު ނިމިފައިވާކަމަށް އެނަވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ވ.އަތޮޅާ އއ.އަތޮޅުގެ އިތުރުން ޅ.އަތޮޅުގައި މިމަސައްކަތަށް ބޭނުންވާ ދިރާސާ މިމަހު 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން 2014 އަހަރާއި 2015 ވަނައަހަރުގެތެރޭގައި ގދ. ތިނަދޫއާއި ގދ. ގައްދޫއާއި ރ. އުނގޫފާރާއި ދ. ކުޑަހުވަދޫއާއި އދ. މަހިނބަދޫއާއި ކ.ދިއްފުށި ގެ އިތުރުން ހއ. އިހަވަންދޫގައި ވަނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދާ ހައިބްރިޑް ނިޒާމްތަކެއް ޤާއިމްކުރައްވާފައެވެ. އަދި މިއަހަރު ތެރޭ އދ. ދިއްދޫއާއި ވ. ރަކީދޫގައިވެސް ވަނީ މި ފަދަ ނިޒާމްތަކެއް ޤާއިމުކުރެވި ޚިދުމަތްދޭން ފަށާފައެވެ.

މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީއިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ލޯން އެހީގައި ހިންގަމުންގެންދާ ޕްރިޕެއަރިންގ އައޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލަ އެނާޖީ ޑިވެލޮޕްމަންޓް- ޕިއޮސްޑް ޕްރޮޖެކްޓްގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

ހދ އަތޮޅުގެ މީހުން އުޅޭ 13 ރަށެއްގައި ރިނިއުބަލް އެނަރޖީ ހައިބްރިޑް ޕަވަރ ޕްލާންޓްތައް ޑިޒައިންކޮށް ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެމިނިސްޓްރީންމިހާރުވަނީ އިޢުލާން ކުރައްވާފައެވެ.