ތިމާވެށި

"އެންވަޔަރަމަންޓް ޤައިޑްލައިން ފޯރ ޓުއަރިޒަމް އޮޕަރޭޓާރސް" ރިވިއު


ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައްވާފައިވާ "އެންވަޔަރަމަންޓް ޤައިޑްލައިން ފޯރ ޓޫރިޒަމް އޮޕަރޭޓާރސް" ޤައިޑްލައިން މުޠާލިއާކުރައްވާ އެކުލަވާލައްވާފައިވާ ދެލިކޮޕީ، ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރުމަށް މިއަދު މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ، ޓުއަރިޒަމް މިނިސްޓްރީއާ ޔުއެންޑީޕީ ގުޅިގެން ހިންގާ ޓުއަރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް ޓުއަރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ ފަރާތުން މައުލޫމާތުދެއެވެ.

ޓުއަރިޒަމް ދާއިރާގެ މަސައްކަތްތައް ކުރިޔަށްގެންދާއިރު  ރިއާޔަތްކުރުމަށް އެކުލަވާލައްވާފައިވާ ޤައިޑްލައިން"އެންވަޔަރަމަންޓް ޤައިޑްލައިން ފޯރ ޓުއަރިޒަމް އޮޕަރޭޓާރސް" މުޠާލިއާކޮށް އެކުލަވާލެވުނު ދެލިކޮޕީ ފައިނަލް ކުރުމުގެ ގޮތުން ބޭއްވެވި މި މަސައްކަތު ބައްދަލުވުމުގައި ޓުއަރިޒަމް ދާއިރާއާ ތިމާވެއްޓާގުޅޭ ދާއިރާގެ ގިނަ މުޢައްޞަސާތަކުން ބައިވެރިވެއެވެ. މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޑރ. އަހުމަދު ޞާލިޙް ވަނީ މުޢައްޞަސާތަކާއި ޚާއްޞަކޮށް ޓުއަރިޒަމް އިންޑަސްޓްރީން މި ޤައިޑްލައިން ބަލައިގަނެ ޤައިޑްލައިނަށް އަމަލުކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އަލަށް ޑްރާފްޓް ކުރެވުނު ޤައިޑްލައިން އެކުލަވާލުމަށް ޓުއަރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ޚިޔާލާ މަސްވަރާ ހޯދާފައިވެއެވެ. އަދި މިޑްރާފްޓްގައި މިހާރު ދުނިޔޭގެ ތިމާވެއްޓަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް ކަންކަން ހިމަނާފައިވެއެވެ.

މި ގައިޑްލައިންގައި ޓުއަރިޒަމް ދާއިރާގެ މަސައްކަތްތަކަށް ރަށްތަށް ކަނޑައެޅުމާއި އަދި މަސައްކަތްތައް ކުރިޔަށްދާއިރު މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައްފަދަ ކަންކަން ހިމަނާފައިވާނެކަމަށް މިގައިޑްލައިން މުޠާލިއާކޮށް ޑްރާފްޓްކޮށްދެއްވި ކޮންސަލްޓެންޓް ވިދާޅުވިއެވެ .ޓުއަރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން އެކުލަވާލެވުނު މި ޤައިޑްލައިން ފައިނަލްކޮށް މިމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ޓުއަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.