ތަޢުލީމު

ދިވެހި ޕްރިންސިޕަލުންނަށް ތަމްރީނު ޕްރޮގްރާމްތަކެއް ފައްޓަވައިފި


ސްކޫލްތަކުގައި މަސައްކަތް ކުރައްވާނެ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރެއްވުމުގެ މަޤްޞަދުގައި މެލޭޝިއާގެ ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވާރސިޓީއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކެއް ފައްޓަވައިފިއެވެ.

"ވާރކްޝޮޕް އޮން ޕާރސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑަރސް" ގެ ނަމުގައި ޏ. ފުވައްމުލަކުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި ޏ. ފުވައްމުލަކާއި، އައްޑޫ އާއި، ގއ. އާއި، ގދ. އާއި މާލެ އަތޮޅުގެ 30 ލީޑިންގ ޓީޗަރަކު ބައިވެރިވެއެވެ. ޏ. ފުވައްމުލަކުގައި  އިއްޔެއިން  ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ މައިގަނޑު ގޮތެއްގައި މެނޭޖްމަންޓާއި ލީޑާޝިޕްއާއި ގުޅުން ހުރި ދާއިރާތަކުންނެވެ. މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ލީޑިންގ ޓީޗަރުންގެ ކިބައިގައި ސްކޫލްތައް ހިންގުމުގެ ހުނަރާއި ޤާބިލިއްޔަތު އިތުރުކުރެވި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ޢަދަދު އިތުރުވެގެން ދާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތާގައި މިފަދަ އިތުރު 3 ތަމްރީނު ޕްރޮގްރާމް ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގައި ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަނުން މަޢުލޫމާތުދެއްވައެވެ.

މިހާރު ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ 46 އިންސައްތައެވެ. ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކުރައްވައިގެން މިނިސްޓްރީން އަންނަނީ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި އިތުރު ފުރުސަތުތައް ފަހިކޮށްދެއްވަމުންނެވެ.  އެގޮތުން، ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ލީޑަރޝިޕް ސްކިލް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 69 ޕްރިންސިޕަލަކު މިއަހަރު މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއަށާއި، ޔުނިޓާ އިންޓަރނޭޝަނަލް ޔުނިވާރސިޓީއަށާއި، އެޤައުމުގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާއާއި ބެހޭ ތަޖުރިބާއާއި މައުލޫމާތު ވަނީ ހޯދައްވާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 100 ޕްރިންސިޕަލުންނަށް މި ފުރުސަތު ފަހިކޮށްދެއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރީން ވިދާޅުވިއެވެ.

ސްކޫލްތަކުގައި މަސައްކަތްކުރައްވާ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރައްވާ، ފެންވަރު ރަނަގަޅުކުރެއްވުމުގެ މަސައްކަތުގެ ދަށުން  ޕްރިންސިޕަލްސް އެޓޭޗްމަންޓް ޕްރޮގްރާމްގެ ނަމުގައި މިއަހަރު ވަނީ ޚާއްޞަ ޕްރޮގްރާމެއް ފަށާފައެވެ. އަދި ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން އަމަލުކުރާނެ އެއްގޮތްތަކެއް ކަނޑައަޅައި ލިޔެފައިވާ އަތްމަތީ ފޮތެއް ތައްޔާރުކޮށް ނެރެފައިވާ އިރު، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި ސްކޫލްތަކުން އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި ވަކި ވަކި އަތޮޅުތަކުގެ ހުރިހާ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ސިލްސިލާ ބައްދަލުވުންތަކެއްވެސް އަންނަނީ ބާއްވަވަމުންނެވެ.