އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ޗެލްސީން މިދިޔަ އަހަރުގެ މާލީ ހިސާބުތައް އިއުލާންކުރިއިރު، އެ ކްލަބަށް 128.4 މިލިޔަން ޕައުންޑުގެ ފައިދާވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މާލީ ހިސާބު ނިންމާ އެ ކްލަބުން މިދިޔަ އަހަރުގެ މާލީ ހިސާބު އިއުލާން ކުރިއިރު، އެ ކްލަބަށް އެވަރުގެ ބޮޑު ފައިދާއެއް ލިބިފައިވަނީ ޗެލްސީގެ އަންހެން ފުޓްބޯޅަ ކުލަބު، ބްލޫކޯއަށް 198.7 މިލިޔަން ޕައުންޑަށް ވިއްކާލުމާ ގުޅިގެންނެވެ.
މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ޗެލްސީއަށް ލިބިފައިނުވުމުގެ ސަބަބުން އެ ޓީމަށް ވަނީ އާމްދަނީގެ ގޮތުން ބޮޑު އަދަދެއްގެ ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ. އަދި ޓޮޑް ބޮއެލީގެ ކްލިއަލޭކް ކެޕިޓަލް ކޮންސޯޓިއަމްއިން ޗެލްސީ ގަނެފައިވާއިރު، އެ ޓީމަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ.
ޓޮޑް ބޮއެލީ ޗެލްސީ އާއި ހަވާލުވުމަށްފަހު އެ ކްލަބު ހިންގުމުގެ އޮނިގަނޑަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެ ޓީމުން ހިންގަމުން އައި ދެ ހޮޓަލެއް ޓޮޑް ބޮއެލީގެ ހިއްސާ އޮންނަ ބްލޫކޯ އަށް ވިއްކާލުމާއި ގުޅިގެން އާމްދަނީގެ ގޮތުގައި ވަނީ 76.5 މިލިއަން ޕައުންޑަށް ވަނީ ވިއްކާލާފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ މެޗްޑޭ އާމްދަނީގެ ގޮތުގައި ލިބުނު އަދަދު އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ވަނީ އިތުރު ވެފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ޗެލްސީން އެ ކްލަބުގެ ހިންގުމަށް ގެނައި ބަދަލުތަކާއި އަދި ދެ ހޮޓަލުގެ އިތުރުން އަންހެން ޓީމު ވިއްކާނުލިނަމަ އެ ޓީމަށް މިދިޔަ އަހަރު ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ އެވެ.
މި ސީޒަނުގައި ޗެލްސީގެ ޖާޒީގައި މައި ސްޕޮންސަރެއް ނެތި ކުޅެމުންދާއިރު މިދިޔަ އަހަރުގެ އިތުރުން މި ސީޒަނުގައިވެސް އެ ކްލަބުން ވަނީ ކުޅުންތެރިން ހޯދުމަށް ބޮޑު ހޭދައެއް ކޮށްފަ އެވެ. ނަމަވެސް ދާދި ފަހުން އެ ކްލަބުން ވަނީ ގިނަ ކުޅުންތެރިންތަކެއް ލޯނު އެއްބަސްވުމުގެ ދަށުން އެހެން ކްލަބްތަކަށް ދޫކޮށްފަ އެވެ. އަދި މި ކަމުގެ ސަބަބުންވެސް އެ ޓީމަށް މާލީ ގޮތުން ކޮންމެވެސް ވަރެއްގެ ލުޔެއް ވަނީ ލިބިފަ އެވެ.