އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ އަންހެނުންގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅެން ޖެހޭ ފުރަތަމަ މެޗު ވިއެޓްނާމާ ދެކޮޅަށް އެ ގައުމުގައި ކުޅެން ހަމަޖެހިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) ގެ މައި އިދާރާގައި ބެއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމާއި ގުއާމް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
ރާއްޖޭގެ ފުރަތަމަ މެޗު ވިއެޓްނާމާ ދެކޮޅަށް ކުޅޭނީ އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ކޮލިފައިންގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ވިއެޓްނާމުގަ އެވެ.
އޭޝިއަން ކަޕް އޮސްޓްރޭލިޔާގައި ކުޅޭނީ އަންނަ އަހަރުގެ މާޗު އެކަކުން 21 ވަނަ ދުވަހަށެވެ. މި މުބާރާތުގެ މެޗުތައް އޮސްޓްރޭލިޔާގެ ތިން ސިޓީއެއްގައި ކުޅޭނެ އެވެ.
ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ކުޅެފައިވަނީ އެކުވެރިކަމުގެ މެޗެއްގައި އިންޑިޔާއާ ދެކޮޅަށެވެ. އިންޑިޔާގައި ކުޅުނު މި ދެ މެޗުން ވެސް ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފަ އެވެ.
ގައުމީ އަންހެން ޓީމުގައި އެންމެ ފަހުން ހުރި ކޯޗަކީ މުހައްމަދު ނިޒާމެވެ. އޭނާގެ ބަދަލުގައި އާ ކޯޗަކު ހޯދަން އެފްއޭއެމުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.