ފުލުހުންގެ މަސައްކަތްތަކަށް ގެންނަ ބަދަލުތަކާއެކު ކޯޓުގައި ސާބިތުވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު އިތުރުވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އިޖުތިމަޢީ އެންމެ ބޮޑު އެއް މަސައްލައެވެ. މި މައްސަލަ ހައްލު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާޢިފް ވިދާޅުވީ 2023ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޑްރަގް އެންފޯސްމަންޓުން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ބަލައި ފާސްކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، 2023ވަނަ އަހަރު 9300 އެއްހާ މީހުން ބަލައި ފާސްކުރިއިރު، މިދިޔަ އަހަރު 12،000 އަށްވުރެ ގިނަ މީހުން ބަލައި ފާސްކޮށްފައިވާކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާތަކެތީގެ އަދަދުވެސް މިދިޔަ އަހަރުވަނީ އިތުރުވެފައެވެ. އެގޮތުން، 2023ވަނަ އަހަރު 123 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، މިދިޔަ އަހަރު 654 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ނާޢިފް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ކާމިޔާބީ ބިނާވަނީ ކޯޓުތަކުގައި ކުރިއަށްދާ މައްސަލަތަކަށްކަން ފާހަގަކުރައްވައި ނާޢިފް ވިދާޅުވީ މިދިޔަ އަހަރު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތުގެ ތެރެއިން %95 މައްސަލަ ސާބިތުވާކަމަށް ހުކުމްކޮށްފައިވާ ކަމަށެވެ. މިއީ 2023ވަނަ އަހަރާ އަޅާބަލާއިރު 20%ގެ ކުރިއެރުމެކެވެ. ކޯޓުގައި ކުރިއަށްދިޔަ މައްސަލަތައް ސާބިތުކުރެވިފައިވަނީ ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރެވިފައިވާގޮތަށް ގެނައި ބަދަލުތަކާއެކުގައި ކަމަށްވެސް ނާޢިފް ވިދާޅުވިއެވެ.
"75% އިން %95 އާއި ހަމައަށް މިއާދެވުނީ. އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބުކުރުމައްޓަކައި މަސައްކަތުގައި ހުރި ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް އިންޓަރނަލީވެސް އެބަކުރަން. މިސާލަކަށް ކޯޓަކުން މައްސަލަ ނިމުނީމަ އެ ގަޟިއްޔާ ދިރާސާކޮށްފައި އަޅުގަނޑުމެންނަށް އޮޕަރޭޝަނަލީ ކޮންކޮން ގޯސްތަކެއްތޯ ހެދުނީ. ނުވަތަ ތަހުގީގުގެ ތެރެއިން ކޮންކޮން ކަންތައްތަކެއްތޯ ރަނގަޅު ކުރަންޖެހެނީ. އެ ހުރިހާ ކަމެއް ބަލާފައި އެއަށް އެޑްރެސްކޮށްގެން އަޅުގަނޑުމެން މަސައްކަތްތައް ބައްޓަން ކުރަމުން މިދަނީ،" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާޢިފް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ނިމުނު 2024ވަނަ އަހަރު އެ ކޯޓުން ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 137 މައްސަލައެއްގައި ގޮތް ނިންމާފައެވެ. އެގޮތުން، ކޯޓުން މައުޟޫއީ ގޮތުން ބަލައި ހުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 95 އިންސައްތައަށްވުރެ ގިނަ މައްސަލަތަކުގައި ހުކުމްކޮށްފައިވަނީ ކުށް ސާބިތުވެގެންކަމަށް އެ ކޯޓުން ވިދާޅުވިއެވެ. މީގެ ތެރެއިން 20 ފަރާތެއް އުމުރަށް ޖަލަށްލުމަށާއި 10.2 މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އަމާޒަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތް ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ގެންދިއުން ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ނާޢިފް ވިދާޅުވިއެވެ.