ކުޅިވަރު

އެފްއޭ ކަޕް ސެމީއަށް ދެވުމަކީ ވަރަށް ބޮޑު އުފަލެއް: ނޫނޯ


މިދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ދެވުމަކީ ކުލަބަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ނޮޓިންހަމް ފޮރެސްޓުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނެފިއެވެ. އިނގިރޭސި ޕްރެމިއަރ ލީގުގައި ވެސް މި ސީޒަނުގައި ގަދަ ހަތަރެއްގައި ހިފަހައްޓަމުން އަންނަ ނޮޓިންހަމް ސެމީއަށް ދިޔައީ ޕެނަލްޓީ ޖަހައިގެން ހޮނިހިރު ދުވަހު ބްރައިޓަން ބަލިކުރުމަށްފަހުއެވެ.

ސެމީ ފައިނަލް މެޗުގައި ނޮޓިންހަމްގެ ގޯލްކީޕަރު މަޓްޒް ސެލްސް އާއި މިޑްފީލްޑަރު އަދި ކެޕްޓަން ރަޔަން ރެޓްސް ވަނީ މޮޅަށް ކުޅެފައެވެ. އެގޮތުން ބެލްޖިއަމްގެ ކީޕަރު ސެލްސް ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި ރޭޓްސް ވަނީ ފަހު ޕެނަލްޓީ ކާމިޔާބުކޮށްދީފައެވެ. ސެމީ ފައިނަލުގައި ފޮރެސްޓް ނުކުންނާނީ ވަރުގަދަ އެކަމަކު މި ސީޒަނުގައި އަޑިއަޅާލާފައިވާ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ޕްރެމިއާ ލީގުގައި މި ދެ ބައި މީހުން ވާދަކުރި މެޗު ކާމިޔާބު ކުރީ ވެސް ފޮރެސްޓެވެ.

"އަހަރުމެން މި ތިބީ ވަރަށް އުފަލުން. އެންމެން ވެސް. މިއީ އަހަރުމެންގެ ސަޕޯޓަރުންގެ ހުވަފެން ހަގީގަތަކަށް ހެދުމެއް. މިއަށްވުރެ ބޮޑު އުފަލެއްނެތް،" ކޯޗު ނޫނޯ ސަންޓޯ ކުލަބުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ނޫނޯ ބުނީ މި މެޗުގައި އޭނާގެ ޓީމުން މޮޅަށް ކުޅުނު ކަމަށާއި، ހާއްސަކޮށް މެދުތެރެ ކޮންޓްރޯލްކޮށް މެޗުގެ ކޮންޓްރޯލް ހޯދީ އޭނާގެ ޓީމުން ކަމަށެވެ.

"ހަމައެކަނި ޕާފޯމަންސް އެކަންޏެއްނޫން. ކުޅުންތެރިން މި މެޗުގައި ވަރަށް މޮޅަށް ކުޅުނު. މެޗެއްގައި އެންމެ މުހިންމު ކަމަކީ މެދުތެރެ ކޮންޓްރޯލް ކުރުން. އެކަން ކުޅުންތެރިން ކުރި. އެހެންވީމާ މި މެޗުން މޮޅުވުމުގެ ހުރިހާ ކްރެޑިޓެއް އެމީހުންނަށް ދޭންވާނެ. މި މެޗުން މޮޅުވުމަކީ އެންމެނަށް ވެސް ލިބުނު ހާއްސަ އުފަލެއް. ހާއްސަކޮށް ރަޔަން ރޭޓްސް އަށް. އޭނާ އަކީ އެންމެ ކުލަބެއްގެ މީހެއް. އެއީ މި ކުލަބުގެ ކެޕްޓަން،" ކޯޗު ބުންޏެވެ.

މި މެޗަކީ އެފްއޭ ކަޕުގައި ފޮރެސްޓް ޕެނަލްޓީ ޖަހައިގެން މޮޅުވި ތިންވަނަ މެޗެވެ. މީގެ ކުރިން އެ ޓީމު ވަނީ އެކްސްޓާ ސިޓީ އާއި އިސްޕިޗްޓައުން ބަލިކޮށްފައެވެ.

ގޯލްކީޕަރު ސެލްސް ބުނީ މިއީ ވަރަށް އުފާވެރި ވަގުތެއް ކަމަށާއި މެޗުގައި ގޯލު ޖަހަން މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް އުއްމީދުކޮށްގެން ތިބީ ޕެނަލްޓީ ޖަހައިގެން މޮޅުވާން ކަމަށެވެ.

"އަހަރެންގެ ރިސާޗް އަހަރެން ހެދިން ޓީމަށް އެންމެ ފައިދާވާނީ ކޮންގޮތެއްތޯ ކަނޑައަޅަން. މިދިޔަ ހަފުތާތަކުގައި އަހަރުމެން ވާނީ ޕެނަލްޓީ އަށް ވަރަށް ބޮޑަށް ތައްޔާރުވެފައި. މެޗާއި ޕެނަލްޓީ ޝޫޓް އައުޓަކީ ވަރަށް ތަފާތު ދެ ކަމެއް. ޓީމު މޮޅު ކޮށްދެވުމުން އަހަރެން މިހުރީ ވަރަށް އުފަލުން. ސަޕޯޓަރުންނަށް ސެމީ ފައިނަލެއް ނުފެންނަތާ އެތައް އަހަރެއް ވެއްޖެ. އަހަރުމެންނަށް އެ ފުރުސަތު ހޯދައި ދެވިއްޖެ،" ކީޕަރު ބުންޏެވެ.

އިނގިރޭސި އެފްއޭ ކަޕުން ގަދަ ޓީމުތަކެއް ވަނީ މިހާތަނަށް އައިރު ކަޓައިގެންގޮސްފައެވެ.