ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖު 2025 ގެ ޗެމްޕިއަންކަން ކުލަބު ރަސްގެދަރައިން ހޯދައިފިއެވެެ. ރަސްގެދަރަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި އެސްކޭޕީ ޔުނައިޓެޑް ބަލިކޮށްގެންނެވެ.
ފައިނަލް މެޗު ރަސްގެދަރަ ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ފައިނަލްގައި ތިން ލަނޑު ޖަހައި ހެޓްރިކް ހެދި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި އަޙްމަދު އަޔާޒެވެ. ފައިނަލް މެޗުގައި ފުރަތަމަ ހާފްގައި ރަސްގެދަރަ ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ތިން ލަނޑުވެސް ޖަހައިދިނީ އަޔާއެވެ.
ދެވަނަ ހާފްގައި އެސްކޭޕީ ޔުނައިޓެޑް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށިނަމަވެސް ރަސްގެދަރަ ޓީމުގެ ގޯލް ފޫއަޅުވާލެވޭގޮތް ވަނީ ނުވެފައެވެ. އަދި ކުރިއަށް ޖެހިގެން ކުޅެމުންދިޔުމުގެ ފައިދާ ނަގާ ރަސްގެދަރަ ވަނީ ކައުންޓަރގައި ލިބުނު ފުރުސަތުތަކުގެ ބޭނުންހިފާ އިތުރު ދެ ލަނޑު ޖަހާފައެވެ.
މިގޮތުން ފައިނަލް މެޗުގެ ހަތަރު ވަނަ ލަނޑު ރަސްގެދަރަ ޓީމުގެ ކެޕްޓަން ހަސަން މިފްރާޙް (މިއްފަ) ކާމިޔާބުކޮށްދިންއިރު ފަސް ވަނަ ލަނޑު ޖަހައިދިނީ މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއްދެއްކި އިބްރާހިމް ޒާހީއެވެ. މި ލަނޑާއެކު ޒާހީ ވަނީ ޖުމްލަ 7 ލަނޑު ހަމަކޮށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމްވެސް ހޯދާފައެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެސްކޭޕީ ޔުނައިޓެޑްގެ ޝާޝް ޝަރީފް އާއި ހަސަން ސަހާފްގެ އިތުރުން ރަސްގެދަރަ ޓީމުގެ އިބްރާހިމް ޒާހީ އާއި އަހުމަދު އަޔާޒް އަދި އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދީ ރަސްގެދަރަ ޓީމުގެ ގޯލްކީޕަރ ހުސެއިން ޝަޒުވާން (ބޮޑީ)އެވެ.
އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމް ހޯދީ އެސްކޭޕީގެ ޒުވާން ގޯލްކީޕަރ އަލީ މާއިސް ހުސެއިންއެވެ.
އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ރަސްގެދަރަ ޓީމުގެ ކޯޗު އާދަމް ޒާހިރުއެވެ. އަދި މުބާރާތުގެ ފެއަރ ޕްލޭ ޓީމުގެ މަގާމްވެސް ހޯދާފައިވަނީ ޗެމްޕިއަންކަން ހޯދި ރަސްގެދަރަ ޓީމެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ނުވަތަ ކިންގް އޮފް ދަ ޓޯނަމެންޓްގެ މަގާމް ހޯދީ ރަސްގެދަރަ ޓީމުގެ މަޝްހޫރު ތަރި އަހުމަދު އަޔާޒްއެވެ.
ޖުމްލަ 8 ޓީމް ވާދަކުރި މިމުބާރާތަކީ ޔުނިޓީ ފައުންޑޭޝަންގެ ފަރާތުން އައްޑޫ ސިޓީގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ. މިއަހަރު ފުރަތަމަ މުބާރާތް ބޭއްވުނު އިރު ޔުނިޓީ ފައުންޑޭޝަންއިން ވަނީ ނިންމުމުގެ ރަސްމިއްޔާތުގައި މިމުބާރާތުގެ ދެވަނަ އެޑިޝަންއެއް މިއަންނަ އަހަރުގެ މާޗު މަހު ބާއްވާނެކަން އިއުލާންކޮށްފައެވެ.