ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ލަފާގެ މަތިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން އޮގަސްޓު މަހަށް ފަސްކުރުމާއެކު ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން ފަރިތަކުރުން ހުއްޓާލައިފިއެވެ. އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމްއިން ނިންމާފައި ވަނިކޮށް، ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމަންޓުގެ ސީނިއަރ ގަވަނަންސް މެނޭޖަރު އަޙްމަދު ހައްރާޒު ވަނީ އެކަން ހުއްޓުވާފައެވެ. ފުޓްބޯޅަ ސީޒަން ފެށުން ލަސްކުރީ އެންމެ ކުލަބެއް ފިޔަވައި އެހެން ހުރިހާ ކުލަބުތަކުން ފަރިތަކުރުންތައް ފަށާފައި ވަނިކޮށެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން، އަޙްމަދު މުޢިއްޒު ސޮއިކުރައްވައި ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުލަބުތަކުގެ އެދުމުގެ މަތިން އައު ސީޒަން އަންނަ މަހު ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެކަމަކު ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހު ސީޒަން ފަށައި، އަނެއް އަހަރުގެ މެއި މަހަށް ސީޒަން ނިންމާ ގޮތަށް ހެދުމަށް ފީފާއިން އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެ އެސޯސިއޭޝަނުން ކުލަބުތަކާ ހިއްސާކުރި ކަލަންޑަރަށް ބަދަލުގެނެސް، 2025/2026 ގެ ސީޒަނުގެ ގޮތުގައި އަލުން ކަލަންޑަރު އެކުލަވާލުމަށް ފީފާއިން އަންގާފައިވާ ކަމަށްވެސް އެފްއޭއެމްގެ ސިޓީގައި ވަނީ ބުނެފައެވެ.
ފީފާގެ އެންގުމާއެކު ކުލަބުތަކުގެ މަސްލަހަތަށްޓަކައި ވީ އެންމެ އަވަސް ފުރުސަތެއްގައި ވާދަވެރި މުބާރާތެއް ބާއްވަން އެފްއޭއެމްއިން ވަނީ ނިންމާފައެވެ. އެގޮތުން ކުރު މުބާރާތެއް ފެށުމަށް ސަރުކާރާއެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށް އެފްއޭއެމްގެ އޮފިޝަލަކު ވަނީ މައުލޫމާތުދީފައެވެ.
އައު ސީޒަނަށް ތައްޔާރުވުމަށް ކުލަބުތަކުން ވަނީ ގިނަ ޚަރަދުތަކެއްކޮށް ކުޅުންތެރިންގެ ސޮއިވެސް ހޯދާފައެވެ. އަދި ބައެއް ކުލަބުތަކުން ވަނީ ބިދޭސީ ކޯޗުންނާއި ބިދޭސީ ކުޅުންތެރިންވެސް ގެނެސްފައެވެ.
"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ 10 ކުލަބުގެ ތެރެއިން 5 ކުލަބަކުން ވަނީ ފަރިތަކުރުން ހުއްޓާލާފައެވެ. ފަރިތަކުރުންތައް ހުއްޓާލި ކުލަބުތަކުގެ ތެރޭގައި ޓީސީ ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިއާ އާއި، ކުލަބު އީގަލްސް އަދި ކުލަބު ގްރީން ސްޓްރީޓްސް ހިމެނެއެވެ. މީގެ ކުރިން އައު ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ނުފަށައި އޮތް ހަމައެކިނި ކުލަބަކީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.
މި ކުލަބުތަކުން ފަރިތަކުރުން ހުއްޓާލި ނަމަވެސް މިއަހަރު އަލަށް ފުރަތަމަ ޑިވިޝަންގަ ވާދަކުރާ އޮޑި ސްޕޯޓްސް ކުލަބާއި، ބުރު ސްޕޯޓްސް ކުލަބު އަދި ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ޢީދު ބަންދަށްފަހު ފަރިތަކުރުންތައް ކުރިއަށްގެންދަން ނިންމާފައެވެ.
ފަރިތަކުރުން ހުއްޓާލި ބައެއް ކުލަބުތަކުން ހާމަކުރި ގޮތުގައި ދެން އެ ކުލަބުތަކުން ފަރިތަކުރުންތައް ކުރިއަށްގެންދަން ދަނޑަށް ނުކުންނާނީ ކުރިއަށް އޮތް ސީޒަނުގެ ކަލަންޑަރު އެކުލަވާލުމުންނެވެ. އަދި މިހާރު ބާއްވަން މަސައްކަތް ކުރަމުންދާ ކުރު މުބާރާތުގެ ތާވަލް ފައިނަލުވުމާއެކު ފަރިތަކުރުންތައް ފަށާނެ ކަމަށްވެސް ބައެއް ކުލަބުތަކުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުޓްބޯޅަ ސީޒަން އޮގަސްޓު މަހު ރަސްމީކޮށް ފެށުމުގެ ކުރިން ފީފާއިން ވަނީ އޭގެ ކުރިން 2024 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަން ކުޅެން ލަފާދީފައެވެ. އެއީ އޭޕްރީލް މަހުން ފެށިގެން އޮގަސްޓް މަހާ ދެމެދު ކުރު މުބާރާތެއްގެ ގޮތުގައެވެ.
ރާއްޖޭގައި އާންމުކޮށް ސީޒަން ކުޅެ އުޅެނީ އަހަރުގެ ކުރީކޮޅުން ފެށިގެން ގޮސް ނޮވެމްބަރު ނުވަތަ ޑިސެމްބަރަށް ސީޒަން ނިންމާ ގޮތަށެވެ. ނަމަވެސް 2021 ވަނަ އަހަރު ފެށިގެން އެއް ސީޒަނެއްގައި ޔޫރަޕުގެ ގައުމުތަކުގައި އޮންނަ ގޮތަށް ސީޒަން ބަދަލުކުރިއެވެ. އެކަމަކު އެކަން ކާމިޔާބުވެފައެއް ނުވެއެވެ.