ފިޠުރު އީދު ފާހަގަކުރަން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާއެކު ހަވާއަރުވައިފިއެވެ. މިހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިސްނަގައިގެންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޑްރޯން ޝޯއާއި ހަވާއެރުވުމުގެ ހަރަކާތް ބަލާލަން ގިނަ އަދަދެއްގެ އާންމުން ވަނީ އެސަރަހައްދަށް ޖަމާވެފައެވެ.
މިޑްރޯން ޝޯގެ ތެރެއިން ޢީދާއި ގުޅޭ ތަފާތު މަންޒަރުތަކާއި ދިވެހިވަންތަ ބައެއް ތަކެތި ވަނީ ދައްކާލާފައެވެ. އަދި ރަމަޟާންމަހާއި ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ފަލަސްޠީނުގެ ދިދަވެސް ވަނީ ޑްރޯން ޝޯގެ ތެރެއިން ދައްކާލާފައެވެ.
މިހަރަކާތައް ކުދި ބޮޑު އެކި އުމުރުފުރާގެ ފަރާތްތަކުން ޒިޔާރަތްކޮށްފައިވާއިރު މިފަދަ ހަރަކާތެއް ޢީދާއި ދިމާކޮށް ބޭއްވުމުން ވަރަށް އުފާވާކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިފަދަ ގިނަ ހަރަކާތްތައް ކުރިއަށްއޮތް ތަނުގައިވެސް ފެންނާނެކަމަށް އުންމީދުކުރާކަމަށް އެ ފަރާތްތަކުން ބުނެފައެވެ.
އެޗްޑީސީން މަންފާ ޖަމްއިއްޔާއާ ގުޅިގެން ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ވަނީ ކުޑަކުދިންގެ ޚާއްސަ ހަވީރެއްވެސް ބާއްވާފައެވެ.
ހުޅުމާލޭގެ އިތުރުން މާލޭގައިވެސް ޢީދު ފާހަގަ ކުރުމަށް "ޢީދު އުފާ 1446" ނަމުގައި ތަފާތު ގިނަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން "ޢީދު އުފާ 1446"ބޮޑު ހަރަކާތް މިއަދު ހަވީރު މާލޭގެ 3 ސަރަޙައްދެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން މިހަވީރު ހޯމަ ދުވަހާއި އަންގާރަދުވަހުވެސް ބޭއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.