އެމެރިކާގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އެރީނާ ސަބަލެންކާ ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސްގެ ސަބަލެންކާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމެރިކާގެ ޖެސިކާ ޕެގޫލާއާ ދެކޮޅަށް ކުޅުނު މެޗު ހަތެއް ފަހެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި ސަބަލެންކާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާގައި ނިމިގެންދިޔަ އިންޑިއަން ވެލްސް ޓެނިސް މުބާރާތުގެ ފައިނަލުގެ އިތުރުން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުންވެސް ބަލިވެފައިވާ ސަބަލެންކާ ވަނީ އެ ދެމެޗުގައި ހެދުނު ގޯސްތައް ރަގަޅުކޮށް މި މެޗުގައި ތަފާތު ކުޅުމެއް ދައްކާފަ އެވެ.
މިދިޔަ އަހަރު އެމެރިކާގެ ނިއު ޔޯކުގައި ކުޅުނު ޔޫއެސް އޯޕަންގެ ފައިނަލުން ސަބަލެންކާ އަތުން ޕެގޫލާ ބަލިވެފައިވާތީ މި މެޗަށް އޭނާ ނިކުމެފައިވަނީ ބަދަލު ހިފުމުގެ ރޫހެއްގައެވެ.
އުމުރުން 26 އަހަރުގެ ސަބަލެންކާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗެއްގައި ސެޓަކުން ބަލިނުވެ އެވެ.