މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 13.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވެއްޖެއެވެ.
މިއާއެކު މިއަހަރު ވެފައިމިވަނީ ވޭތުވެދިޔަ 4 އަހަރާ އަޅާބަލާއިރުވެސް އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 12،594،777.92 ރުފިޔާއެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،691،506.08 ރުފިޔާ ލިބުނުއިރު 2022 ވަނަ އަހަރު ޒަކާތިގެ ގޮތުގައި ލިބުނީ 11،669،385.10 ރުފިޔާ ލިބިފައިވެއެވެ.
ޒަކާތުގެ ގޮތުގައި ގޮވާމުން މި އަހަރު 10،025.66 ކިލޯ ލިބިފައެވެ. މިދިޔަ އަހަރު ގޮވާމުން ޒަކާތަށް ލިބުނީ 12،959.29 ކިލޯއެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،380.85 ކިލޯ ލިބުނުއިރު 2022 ވަނަ އަހަރު ލިބުނީ 10،092 ކިލޯއެވެ.
މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ފުރަތަމަ ފަހަރަށް ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެނަށް، އެއްހަމަޔަކުން ފިޠުރު ޒަކާތް ވަނީ ބަހާފައެވެ. މިއާއެކު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާ ވަނީ ބަހާފައެވެ. އަދި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސްލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ވަނީ ހަވާލުކޮށްފައެވެ.
ޒަކާތުގެ މާތްވެގެންވާ އަޅުކަމާމެދު ދިވެހިންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، ޒަކާތުގެ ބެހުމާއި ބަލައިގަތުމުގެ ނިޒާމު ހަރަދަނާކުރެއްވުމަށް "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޚާއްސަ އިދާރާއެއް އުފައްދަވައިި، ކުރެއްވި މަސައްކަތުން މިދިޔަ 5 އަހަރާ އަޅާބަލާއިރު މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ މިންވަރު އިތުރުވެފައިވާކަން މޯލްޑިވްސް ޒަކާތު ހައުސްއިން ފާހަގަކުރައްވައެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.