ރިޕޯޓް

މަސްދޯނިފަހަރު ޒަމާނީ ގެއެއްފަދަ!


އޮޑިދޯނިފަހަރާއި މި ނޫންވެސް އުފެއްދުންތައް ފަރުމާކުރުމުގެ ޢިލްމާއި ތަޖުރިބާ ހުރި ދިވެހިން އިތުރުވާވަރަކުން ރާއްޖޭގައި ބޭނުންކުރެވޭ އެކި ބާވަތުގެ އުޅަނދުފަހަރު އުފެއްދުމުގައިވެސް ބޮޑެތި ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މަސްވެރިކަންކުރާ އުޅަނދުފަހަރަށް އައި ބަދަލެވެ. އަދި މަސްވެރިކަންކުރާ ގޮތަށާއި މަސްވެރި އުޅަނދުފަހަރުގައި މަސްވެރިން ހޭދަކުރާ ވަގުތާއި ފަސޭހަތަކަށް އައި ބަދަލްތަކެވެ.

މަސްވެރިކަމަކީ ދިވެހިން އެ މަސައްކަތަކަށް އެންމެ ބޮޑަށް ބަރޯސާވާންޖެހޭ އަދި ދިވެހިންނަށް ޢާމްދަނީ ލިބުން ދެމެހެއްޓޭނެ އެއް މަސައްކަތެވެ. ދިވެހިންގެ ލޭނާރުގެ ގޮތުގައި މި މަސައްކަތް ދިވެހިން ޤަބޫލުކުރަނީ އެކަމަށް ސަބަބުތަކެއް ހުރީމައެވެ. ދިވެހިރާއްޖެއަށް ފަތުރުވެރިކަން ފުޅާވުމުގެ ކުރިން ދާދި ފަހަކާ ޖެހެންދެން ދިވެހިންގެ މުޅި އިޤްތިޞާދު ބިނާވެފައި އޮތީ މަސްވެރިކަމުގެ މައްޗަށެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅުގައި ދޯނިފަހަރުގައި އިންޖީނު އަޅަންފެށުމާ ހަމައަށް އަޅުގަނޑުމެންގެ ކާބައިފައިން މަހަށް ދިޔައީ ރިޔަލު ދޯނިފަހަރުގައެވެ. އެ ދޯނިފަހަރުގެ ދިޔަހިއްކަނީ އަތުން ބޭނުންކުރާ ދިޔަހިއްކާ ފައިންނެވެ. މަސްއައިނަށް ފެންއުކަނީ ފެންފުޅަފިންނެވެ. ވެހޭހާ ވާރޭއާއި ދޭހާ އަތްވެއްގައި ކާބަފައިން މިމަސައްކަތްކުރީ އަނގަމަތި މަސްދޯނިފަހަރުގައެވެ. އިންޖީނު ދޯނިފަހަރު ޢާންމުވި ހިސާބުން މަސްވެރިކަންކުރާ އުޅަނދުފަހަރަށްވެސް ބަދަލުތަކެއް އަންނަންފެށިއެވެ. ދޯނިފަހަރުގައި ތައްޓު އެޅުމާއި ދޯނިފަހަރުގައި ކެއްކޭނެ އިންތިޒާމް ހަމަޖެހިގެންދިޔައެވެ. އަދި ދޯނިފަހަރުގެ ޑިޒައިނަށް ބަދަލުއައިސް އޭގެ ސައިޒް ބަދަލުވާންފެށިއެވެ. img:http://s2.psmnews.mv/images/660x400/8980.jpg|ދިވެހިރާއްޖެގެ ސަރަޙައްދުގައި ދިވެހި މަސްވެރިން މަސް ބާނަނީ - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރަމުން އައި އޮނުދޮށިތައް ފައިބަރު ދޮއްޓަށް ބަދަލުކުރަންފެށިއެވެ. މަސްވެރިންކަން ކުރިއެރުވުމުގެ ގޮތުން ސަރުކާރުން އޮޑިދޯނިފަހަރު ބަންނަވައި ދިގުމުއްދަތަކުން އަގުދައްކައި ޚަލާޞްކުރުމުން އަމިއްލަވާގޮތަށް ދޯނިފަހަރު ދޫކުރައްވަން ފެއްޓެވިއެވެ. މިގޮތުން ތަޢާރަފް ކުރެއްވި އެންމެ މުހިންމު ވަޞީލަތަކީ އޮއިވާލި ކަނދުފައްޗެވެ. އޮއިވާލި ކަނދުފައްޗާއެކު މަސްބާނާ ވަގުތު މަދުކުރެވި، މަސްވެރިކަމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވުނެވެ. މިއާއެކު މަސްދަތުރު ފަށާ ވަގުތާއި މަސްބާނާ ވަގުތަށްވެސް ބަދަލު އައިސްފައިވެއެވެ. މަސްވެރިކަންކުރާ ގޮތަށް އައި ބަދަލާއެކު ހަމައެކަނި ދުވާލު ގަޑީގައި އެންހިފާ އުޞޫލު ބަދަލުކޮށް، ރޭގަނޑު ދިއްލައިގެން އެންވެރިކަން ކުރުން ޢާންމުވިއެވެ. ރުއްވަކަރާއި ލަކުޑިން ބަންނަމުން އައި އޮޑިފަހަރު ފައިބަރަށް ބަދަލުވެގެންދިޔައެވެ. 

މި ބަދަލުތަކާއެކު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މަސްދޯނިފަހަރުގެ ޑިޒައިނަށާއި އޭގެ ސައިޒަށް އައި ބަދަލުތަކެވެ. ދިވެހިރާއްޖޭގައި މިހާރު މަސްވެރިކަންކުރާ ގިނަ އުޅަނދުފަހަރަކީ ފައިބަރު ބޮޑެތި އުޅަނދުފަހަރެވެ. ދޯނިފަހަރުގައި އޭސީއާއި ޓީވީފަދަ ވަޞީލަތްތައް އެބަހުއްޓެވެ. މަސްވެރިންނަށް ދޯނީގައި އަރާމްކޮށް ނިދޭގޮތަށް ކޮންމެ މީހަކަށް އެނދު ހުންނަ ދޯނިފަހަރުވެސް މިހާރު މަދެއް ނޫނެވެ. ގިނަ ދޯނިފަހަރުގައި މަސްވެރިންނަށް ކައްކާނެ ޚާއްޞަ ކައްކާއެއް ހުރެއެވެ. ދޯނިފަހަރުގެ ދުވެލި އެތައް ގުނައެއް ބާރުވެއްޖެއެވެ. އެއް އިންޖީނުން ނުފުދިގެން ދޯނިފަރުގައި ދެއިންޖީނުވެސް ވަނީ އަޅަން ފަށާފައެވެ. އަދި ތިން އިންޖީނުއަޅާ ގޮތަށް ފަރުމާކޮށް ބަންނަމުންދާ މަސްދޯނިފަހަރުވެސް އެބަހުއްޓެވެ. މިހާރު އޮޑިދޯނިފަހަރު ފަރުމާކޮށްފައިވަނީ އައިސް އަޅައިގެން، ތާޒާކަމާއެކު މަސް ފިނިކޮށް ރައްކާ ކުރެވޭނެ ފަދަ ގޮތަކަށެވެ. އަދި ބައެއް ދޯނިފަހަރުގައި ފެންޕްލާންޓާއި އައިސްޕްލާންޓްވެސް މިހާރު އެބަހުއްޓެވެ.

އޮޑިދޯނިފަހަރު ބަނުމާއި ޑިޒައިން ކުރުމުގެ ތަޖުރިބާކާރެއް ކަމަށްވާ އަޙްމަދު ވަޖީހު ވިދާޅުވީ، ދޯނިފަހަރަށް އައިސްފައިވާ މިބަދަލުތަކަކީ ދިވެހިންނާ އެންމެ ގުޅޭގޮތަށް ބައްޓަންކޮށްފައިވާ ޑިޒައިންތަކެއް ކަމަށެވެ. ވަޖީހް ވަނީ ބޯޓް ޑިޒައިންކުރުމުގެ ދާއިރާއިން އޮސްޓްރޭލިއާއިން 1978 ވަނަ އަހަރު ފުރަމަތަ ޑިގްރީ ޙާޞިލްކުރައްވައި، 18 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގެ އެންމެ ބޮޑު ބޯޓްޔާރޑް ކަމަށްވާ އަލިފުށީ ބޯޓްޔާޑް ހިންގެވުމުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ. މި މުއްދަތުގެ ތެރޭގައި 300 އަށްވުރެ ގިނަ އުޅަނދު ބަނދެވިފައިވާ ކަމަށް ވަޖީހް ވިދާޅުވިއެވެ. ވަޖީހް ވިދާޅުވީ މި ދާއިރާއިން ކިޔަވައިގެން ތިބި ވަރަށް ޤާބިލް ޒުވާނުން ރާއްޖޭގައި މިހާރު އެބަތިބިކަމަށާއި މުސްތަޤްބަލުގައި މިމަސައްކަތަށް އަންނޭނެ ބަދަލު ލަފާކޮށްލައްވަންވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިހާރު ދިވެހިން މަސްވެރިކަން ކުރަނީ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެންނެވެ. މަސްވެރިންނަށް ބޭނުންވާ މިފަދަ މުހިންމު ވަޞީލަތްތައް ތަޢާރަފްކުރާ އެއް ކުންފުންޏަކީ މައިޒާން އިލެކްޓްރޯނިކްސްއެވެ. އެކުންފުނިން ވަނީ ޖީޕީއެސްއާއި ފިޝްފައިންޑަރ އާއި އަދި ސެޓްލައިޓް މެދުވެރިކޮށް މަސްއައިން ހޯދާނެ ވަޞީލަތްތައް ތަޢާރަފްކޮށްފައެވެ. 1995 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްކުރި ޖީޕީއެސް ވެގެންގޮސްފައިވަނީ މިހާރު މިކުރާ ޒަމާނީ މަސްވެރިކަން ކުރުމުގެ އެންމެ މުހިންމު އެއް ވަޞީލަތަށެވެ. މަސްވެރިންނަށް ވީހާވެސް ފަސޭހަކުރުމުގެ ގޮތުން އެކުންފުނިން ވަނީ ދިވެހި ފޮންޓް އެކުލެވޭ ޖީޕީއެސްވެސް ތަޢާރަފްކޮށްފައެވެ. މީގެއިތުރުން ދޫނި ރާޑަރު، އެކުންފުނިން ވަނީ ދާދިފަހުން ތަޢާރަފްކޮށްފައެވެ. ފިޝްފައިންޑަރާއި ރާޑަރާއި ޖީޕީއެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ރާޑަރަކީ 48 ނޯޓިނަލް މޭލު ކަވަރުކޮށްދޭ، ފުރިހަމަ ޒަމާނީ ސިސްޓަމެއް ކަމަށް މައިޒާން އިލެކްޓްރޯނިކްސްއިން ބުނެއެވެ. 48 ނޯޓިކަލް މޭލުގެ ތެރޭގައި އުޅޭ ދޫނި މި ސިސްޓަމުން ދައްކާއިރު ކަނޑުގެ ސަތަހައިގެ މަތީގައި ހުރި ހުރިހާ އެއްޗެއް މި ސިސްޓަމުން ފެންނާނެކަމަށް އެކުންފުނިން ބުނެއެވެ.

ވެހޭހާ ވާރޭއެއްގައި ދޭހާ އަތްވެއްގައި ވަރަށް ބުރަކޮށް އަޅުގަނޑުމެންގެ ކާބަފައިން ކުރި މި މަސައްކަތް މިހާރު މިވަނީ މުޅިން ބަދަލުވެ، އެތައް ގޮތަކުން ފަސޭހަވެފައެވެ.