ފިޠުރު ޢީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ރަށްތައް ކުލަބޮކިތަކުން ދިއްލާލައިފިއެވެ.
"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ތެރެއިން ޢީދުފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފެށި ހަރަކާތެކެވެ. މިދިޔަ އަހަރު މި ހަރަކާތް ކުރިއަށްގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައެވެ.
މިކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ މިކަން ތަޖުރިބާކުރުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ދިނުމުގެ ގޮތުން މިއަހަރު ސަރުކާރުން ވަނީ ކޮންމެ އަތޮޅަކުންވެސް 2 ރަށެއްގައި ޢީދު ދިއްލުންތައް ދިއްލުމަށް ނިންމަވާފައެވެ. އެގޮތުން މިއަހަރު އިތުރު 36 ރަށެއް ދިއްލުމަށް ނިންމާ އެރަށްރަށުގައި ޢީދު ލައިޓްތަކާއި ގިޑިގެ ހަރުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކައުންސިލްތަކާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ވަނީ ކޮށްފައެވެ.
މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ޢީދު އަލި ހަރަކާތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ޢީދު އަލި ފައްޓަވައިދެއްވައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޢީދަކީ އިސްލާމީ އުއްމަތަށް އަންނަ މުހިންމު ދުވަސްތަކެއް ކަމަށެވެ. އަދި މިއީ މާތް ﷲ މަތިން ހަނދުމަކުރުމަށް ލިބޭ ފުރުސަތުތަކެއް ކަމަށާއި ހިތްތަކަށް އުފާވެރިކަން ވައްދައިދިނުމަށް ލިބޭ ފުރުޞަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ޢީދުގެ އުފާ ފާޅުކުރުމުގައި ދިވެހިންގެ ސަގާފަތާއި ދިވެހިވަންތަކަން އިސްކޮށް މާތްﷲ މަތިން ހަނދުމަކުރުމަށްވެސް ވަޒީރު ޑރ. ޝަހީމް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ އިތުރުން ސަރުކާރުން ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމަށް ހަމަޖެހިފައިވާއިރު ފިއުޝަން ޝޯވއެއްވެސް ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.