ޚަބަރު

ޢީދުގެ ޚާއްސަ އަޒުމަކަށް ހަދަންވީ ކުރިއަށްއޮތް ދުވަސްތަކުގައި ނަފްސު އިޞްލާޙުކުރަން: ރައީސް


  • ޢައްޒާގެ މުސްލިމުންގެ މަތިން ހަނދާން ނައްތާނުލަން ނަސޭހަތްތެރިވެވަޑައިގެންނެވި

  • މުސްލިމުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަންވާނީ ހެޔޮކަމުގެ މައްޗަށް ކަމަށް ވިދާޅުވި

ފިޠުރު ޢީދު ދުވަހުގެ އެންމެ ޚާއްސަ އަޒުމަކަށްހަދަންވީ ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފިޠުރު ޢީދާ ގުޅިގެން ފޮނުއްވެވި ޚިޠާބުގައެވެ.

ފިޠުރު ޢީދު ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ޚިޠާބުގައި ވިދާޅުވީ ފިޠުރު ޢީދަކީ ދަރުމައާއި ދީލަތިކަމުގެ މޫސުމެއް ކަމުގައިވާ ރަމަޟާން މަސް، އަޅުގަނޑުމެންނާ އަލްވަދާޢު ކިޔުމަށް ފަހު އަންނަ ދުވަހެއް ކަމަށާއި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢީދުގެ އެންމެ މަތިވެރި މަޤްޞަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުޞަތަށްޓަކައި މާތް ﷲއަށް ޙަމްދުކުރުމާއި ޝުކުރުކުރުވެރިވުން ކަމަށެވެ. އަދި މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތްހެޔޮކަން ފާޅުކުރުމާއި އިސްލާމީ އަޚްވަންތަކަން ދިރުވައި، ޞަދަޤާތާއި ހަދިޔާއާއި އިޚްލާޞްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ މުސްލިމުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަންވާނީ ހެޔޮކަމުގެ މައްޗަށް ކަމަށާއި ކުރާ ކޮންމެ ކަމެއް ހެޔޮގޮތުގައި ކުރުމާއި، ބުނާ ކޮންމެ ބަހެއް ހެޔޮގޮތުގައި ބުނަންވާނެ ކަމަށެވެ. އަދި ރޯދަމަހު އަޅުގަނޑުމެން ހިފާ ރޯދައިގެ އިތުރަށް ހެޔޮ ޢަމަލުތައް ގިނަކޮށް، އިސްތިޣުފާރު ކުރުމާއި ދުޢާކުރުން އިތުރުކުރަނީ މި މިންގަނޑުގައި ދެމިތިބުމަށްޓަކައިކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.

ޢީދު ދުވަހަކީ ރޯދަމަސް ނިމި އަލުން ދިރިއުޅުމުގެ އާ އަހަރަކާ ކުރިމަތިލާ ދުވަހެއެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މުޅި ރޯދަމަހު އަޅުކަމަށްޓަކައި ހޭދަކުރިހާ ވަގުތަށް ފަހު، އިލާހީ ރުއްސެވުމާއި ފުއްސެވުން ލިބުނުކަމުގެ އުންމީދާއެކު އަނެއްކާވެސް އާ ދުވަސްތަކެއް ލިބިގެންދާ ކަމަށެވެ. އެހެންވެ ޢީދު ދުވަހުގެ އެންމެ ޚާއްޞަ ޢަޒުމަކަށް ވާންވީ އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުން ކަމަށް ވިދާޅުވިއެވެ. އަދި ޢީދުގެ އުފާތައް ލިބިގަތުމުގައާއި އޭގެ ފަހުންވެސް ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި ޢަމަލުތަކެއް ބެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ޤައުމު ހެދުމަށް ކަމަށެވެ. އަދި ޢީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސުމަކީ އެ މަޤްޞަދުގައި ތަޢާރަފުކުރެވުނު ކަމެއް ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން މަސައްކަތްކުރަންވީ ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހަދަން ކަމަށެވެ. އަދި އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމާއި ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން ފިޠުރު ޢީދުގެ އުފާ ފާޅުކުރަމުން ދާއިރު ޣައްޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާންކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޣައްޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އަޅުގަނޑުމެންގެ ހެޔޮއެދުމާއި ހެޔޮދުޢާތައް ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނާއެކު އަބަދުވެސް ދަމަހައްޓަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލެއްވީ އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވުމަށާއި ދިވެހި ޤައުމަށް ހެވާއި ލާބަ މިންވަރު ކުރައްވައި ކުރިޔަށް އޮތް އަހަރަކީ ބާއްޖަވެރި އަމާން ތިޔާގި އަހަރެއްކަމުގައި ލެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.