ޚަބަރު

މާދަމާއަކީ ފިޠުރު ޢީދު ދުވަސް


  • މާދަމާއަކީ ޢީދު ދުވަސް ކަމަށް އިސްލާމީ ގިނަ ޤައުމުތަކުން ވަނީ ނިންމާފައި

މާދަމާއަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވައިފިއެވެ.

މާދަމާއަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވައި، އިޢުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަރާތުން އިއްވެވި ހަނދާ ބެހޭ ބަޔާނުގައެވެ.

އެ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެނުނު ނަމަވެސް އިސްލާމީ ބައެއް ޤައުމުތަކަށް ހަނދު ސާބިތުވެފައިވާކަމުގެ ޚަބަރު ރަސްމީކޮށް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މާރިޗު 30 ވާ އާދީއްތަ ދުވަހަކީ ހިޖުރީ ސަނަތުން 1446 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ސަޢުދީ ޢަރަބިއްޔާއާއި އިސްލާމީ ވަރަށް ގިނަ ޤައުމުތަކުން ވަނީ މާދަމާއަކީ މިއަހަރުގެ ފިޠުރު އީދު ދުވަސްކަމަށް ކަނޑައަޅާފައެވެ.

ރަމަޟާން މަހެކޭ އެއްފަދައިން ޝައްވާލު މަހުގެ ހަނދުބެލުމަކީވެސް އިސްލާމީ ޤައުމުތަކުގައި ކޮންމެއަހަރަކުވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. ކޮންމެ ހަނދުމަހެއްގެވެސް ދިގުމިނަކީ ކުރުވެގެން 29 ދުވަސް އަދި ދިގުވެގެން 30 ދުވަހެވެ.

މިޒަމާނުގައި ރާއްޖޭގައިވެސް އަދި އިސްލާމީ ބޮޑެތި އެހެން ޤައުމުތަކުގައިވެސް ހަނދުބެލުމުގައި ބުރަވަނީ އިތުބާރުހުރި ފަލަކީ ހިސާބަށެވެ. މިހެން ހަދަނީ ޢަމަލީގޮތުން ހަނދުބަލާއިރު، އުދަރެހުގައި ވިލާގިނަނަމަ ހަނދު ހުއްޓަސް ހަނދު ފެނުމުގެ ފުރުސަތު ކުޑަވާތީއެވެ. ނަމާދު ވަގުތު ބެލުމާއި މިނޫންވެސް ވަރަށް ގިނަ ކަންކަމުގައި އިސްލާމީ ޤައުމުތަކުގައި ފަލަކީ ހިސާބަށް ބަރޯސާވެއެވެ.