މިއަހަރުގެ ފިތުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތައްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޢީދު އަލިން މުޅި ރާއްޖެ ދިއްލާލުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މިރޭ 21:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
"ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގެ ތެރެއިން ޢީދުފަދަ އިސްލާމީ މުނާސަބާތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފެށި ހަރަކާތެކެވެ. މިދިޔަ އަހަރު މި ހަރަކާތް ކުރިއަށްގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައެވެ.
މިކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ މިކަން ތަޖުރިބާކުރުމުގެ ފުރުސަތު އިތުރު ފަރާތްތަކަށް ދިނުމުގެ ގޮތުން މިއަހަރު ސަރުކާރުން ވަނީ ކޮންމެ އަތޮޅަކުންވެސް 2 ރަށެއްގައި ޢީދު ދިއްލުންތައް ދިއްލުމަށް ނިންމަވާފައެވެ. އެގޮތުން މިއަހަރު އިތުރު 36 ރަށެއް ދިއްލުމަށް ނިންމާ އެރަށްރަށުގައި ޢީދު ލައިޓްތަކާއި ގިޑިގެ ހަރުކުރުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކައުންސިލްތަކާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއެކި ދަނީ ކުރަމުންނެވެ.
އަދި މިހާރު ކުރިއަށް ގެންދަނީ މިކަމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރާތީތަކެވެ. އެގޮތުން، މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި، ގިޑިގެތައް ބޮޑެތި މަގުތަކާއި ގިނައިން އާންމުން އެއްވާ ސަރަހައްދުތަކުގައިވަނީ ހަރުކޮށްފައެވެ.
ޢީދު އަލި ހަރަކާތަކީ އިސްލާމީ ގައުމުތަކުގައިވެސް ޢީދު ފާހަަގަކުރުމަށް ގެންގުޅޭ ސަގާފަތުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ. ޢީދާއި ދިމާކޮށް ސަރުކާރުން ފެށި މި ހަރަކާތުގެ ވެގެން ގޮސްފައިވަނީ ކުދި ބޮޑު ގިނަބަޔަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ހަރަކާތަކަށެވެ.
މި އަހަރު ޢީދު އަލިން މުޅި ރާއްޖެ ދިއްލާލުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ މިރޭ 21:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެކި މުއައްސަސާތަކުގެ އިތުރުން ސަރުކާރުން ހިއްސާވާ ކުންފުނިތައް ގުޅިގެން ޢީދު ދުވަހުގެ ހަވީރު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގެ އިހުގެ ކުޅިވަރުތަކާއި ޘަޤާފަތް ދައްކާލުމަށް ހަމަޖެހިފައިވާއިރު ފިއުޝަން ޝޯވއެއްވެސް ކުރިއަށްދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެއިތުރުން އެމްއެންޑީއެފްގެ އެކި ވިންގްތަކުގެ ހަރަކާތްތަކާއި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އެކި ހަރަކާތްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކު ސަރަޙައްދާއި، ޝަހީދުންގެ ބިނާ ކުރިމަތީގައާއި ޖުމްހޫރީ މައިދާނުގައެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ.