ޚަބަރު

ބޭންކުތަކަށް 150 މިލިޔަން ޑޮލަރު މާރުކޮށްފި، ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ: ރައީސް


  • މިއީ ކުރިއާ އަޅާ ބަލާއިރު %40 އިތުރު އަދަދެއް

  • ރިސޯޓުތަކުގެ %95 ފައިސާ މާރުކޮށްފައިވޭ

ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިވީ މުއްދަތުގެތެރޭގައި 150 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާ ކުރުން ލާޒިމްކުރާ ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައިވަނީ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށެވެ.

މި ގެންނެވި ބަދަލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިވީ ކުރު މުއްދަތުގެތެރޭގައި 150 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާކަމަށެވެ. މިއީ ކުރިން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަމުން އައި މިންވަރާ އަޅާ ބަލާއިރު %40 އިތުރު އަދަދެކެވެ.

"މިހާރު %95 ޤާނޫނާއި އެއްގޮތަށް މާރުކުރަމުންދަނީ، ބާކީ %5 ވެސް މީގެތެރެއަށް ވައްދާނަން، ޤާނޫން ތަންފީޒްކުރާނަން، އެމަސައްކަތް އެމްއެމްއިންދަނީ ކުރަމުން، މިކަމުގައި އެއްބާރުލުންވެސް ލިބޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބަދަލާއި އެކު ޑޮލަރު ހޯދުމުގައި ރައްޔިތުންނަށް ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތްވެސް އިތުރަށް ކުރިއަރައި ބޭރަށް ފުރާ ފަރާތްތަކަށް ދޫކުރާ ޑޮލަރުގެ އަދަދުވެސް އިތުރުކުރެވިގެންދާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

" ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީ.ޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނުކަމެއް ކަމުގައެވެ. އަދި މިކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައި މިކަމަކީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ކުރިއަށްއޮތްތާނގައި ޑޮލަރުގެ އަގު ތިރިވަމުންދާނެކަމަށާއި ޑޮލަރުގެ ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރުގަތުން މަދުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.