ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މުޅި ރާއްޖެ ޝާމިލުވާގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި މަޝްރޫއުތައް ކުރިއަށްގެންދާވެނެ ކަމަށެވެ. އެގޮތުން، މިހާރުވެސް މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލުކުރެވެމުންދާއިރު 550އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި ކުޅިވަރުގެ ވަސީލަތްތައް ހިމެނޭހެން ކޮންމެ ރަށެއްގައިވެސް މިދެ އަހަރު ދުވަހުގެ ތެރޭގައި ފިޓްނަސް ސެންޓަރު ތަރައްގީ ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ވަރަށް ބާރަށް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން އިގްތިސާދު މެނޭޖްކުރަމުން، ރައްޔިތުންނަށް މިކަންކަމުގައި ލުއިތައް ދެމުން ކޮށްދެމުންދާތަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖެހުމަކީ މަސްވެރިންނަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަންވެސް ހައްލު ކުރެވޭނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓޯއޯއިން ވިއްކާ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމެޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރާ އަންނަ އަހަރު ވެގެންދާނީ ރާއްޖޭގައި ތަަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަމަށް މިއަހަރުގެ ބަޖެޓުގައިވެސް ބޮޑު ބައެއް ވަނި ހާއްސަކޮށްފައެވެ.