ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި މިހާރު އެންމެ ޑިމާންޑުބޮޑީ ހުޅުމާލޭގެ ސްކޫލްތަކަށްކަމަށާއި، މާލޭގެ ސްކޫލްތަކުން މިހާރު ޖާގަ ލިބޭކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ހުޅުމާލޭގެ ސްކޫލްތަކަށް ޑިމާންޑު ބޮޑުވެ، ދަރިވަރުން ވެއްދުމަށް އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިއަހަރު ހުޅުމާލެ ފޭސް 1ގައި ސްކޫލެއް، ފޭސް2ގައި ސްކޫލެއް ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މާލެއާ ޚިލާފަށް ހުޅުމާލޭގެ ސްކޫލްތަކަށް ޑިމާންޑް ބޮޑުވަމުންދާކަމަށެވެ. ހުޅުމާލޭގެ ސްކޫލްތަކަށް ޑިމާންޑު ބޮޑީ، ގިނަ ޢާއިލާތަކެއް ހުޅުމާލެއަށް ބަދަލުވެ، ދަރިވަރުންވެސް ހުޅުމާލޭގެ ސްކޫލްތަކަށް ވެއްދުމަށް އެދެމުންދާތީކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހުޅުމާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާއި، މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އިތުރު ސްކޫލްތަކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ މެދާ ހަމައަށް ދާއިރު، އިތުރު ސްކޫލްތަކެއްގެ އެޅުމުގެ މަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މާލޭގައި ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އާރްސީސީން ކުރަމުން އެދަނީ. މަޖީދިއްޔާ ސްކޫލްއަށް އައު އިމާރާތެއް ލިބޭނެ. ރައީސް މުޢިއްޒުގެ ސަރުކާރަށް 2 އަހަރެއް ނުވަނީސް ގާތްގަޑަކަށް 5 ސްކޫލްއެއްގެ މަސައްކަތް ފެއްޓިގެން މިދިޔައީ. ހުރިހާ ސްކޫލެއްގެވެސް އަމަލީ މަސައްކަތް މިއހަރު ނިމެންވާއިރަށް ފެށްޓިފައި ހުންނާނީ. " ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން މާލެ ސަރަޙައްދުގެ ގިނަ ސްކޫލްތަކަކީ ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކެކެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގިނަ ސްކޫލްތަކެއް ހުރިނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގްރޭޑް 10 އާހަމައަށް ކިޔަވައިދޭ ހުރީ އެންމެ ސްކޫލްއެކެވެ. އެހެންކަމުން ހުޅުމާލޭގެ ފޭސް ދޭއްގައި 1700 އެއްހާ ކުދިންނަށް ކިޔަވައިދެވޭވަރުގެ ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
ވަޒީރު ވިދާޅުވީ މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅު ތެރޭގައި ހުއްޓިފައި ހުރި މަޝްރޫޢޫތައް ކުރިއަށްގެންދިޔުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން މަސައްކަތް ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން 18 މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށްޓަކައި ކުންފުނިތަކާ ހަވާލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުއްޓިފައިހުރި ވިއްސަކަށް މަޝްރޫޢު ކުރިއަށްގެންދިޔުމަށްޓަކައި ގޮތްތަކެއް ހޯއްދަވަމުން ގެންދަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވީ ހުއްޓިފައި ހުރި މަސައްކަތްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އަަލަށް މަޝްރޫޢުތަކެއް ފަށްޓަވާނެކަމަށެވެ. އެގޮތުން ސްކޫލްތަކުގެ އާބާދީއާއި އެހެނިހެން ކަންކަމަށް ބެއްލެވުމަށްފަހު ޕްލޭންތަކެއް ތައްޔާރުކުރަމުންދާކަމަށާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއެކު މިއަހަރުގެ ތެރޭގައި މަދުވެގެން 128 މަޝްރޫ ތަޢުލީމީ ދާއިރާއިން ކުރިއަށްގެންދާކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.