ޚަބަރު

ޤުރުއާން ހިތުދަސް ޙާފިޡުންގެ ފުރަތަމަ ދަސްވެނިވުން، 24 ޙާފިޡުންނަށް ސަނަދު ދެއްވައިފި


  • 24 ޙާފިޡުން ވަނީ ދަސްވެނިވެފައި

  • ޙާފިޡުންގެ އިނާޔަތް ބޮޑުކުރުމަށް ރައީސް ވަނީ ނިންމަވާފައި

  • ޙާފިޡުންގެ ސަނަދު ވަނީ އެމްކިއުއޭ މިންގަނޑަށް ބަދަލުކޮށްފައި

ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ދަސްވެނިވުން ފުރަތަމަ ފަހަރަށް ފާހަގަކުރައްވައި، ސަނަދު ދެއްވައިފިއެވެ. ދަސްވެނިވި ހާފިޘުންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިއީ ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރި ޙާފިޡުން ދަސްވެނިވުމަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް މީގެ ކުރިން އެއްވެސް ސަރުކާރުން އަހަމިއްޔަތު ދެއްވާފައިނުވާ މިންވަރަށް މިސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. މިއީ ޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ ބޭއްވި ފުރަތަމަ އަހަރެވެ. ޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާގައި ކީރިތި ޤުރުއާން ހިތުދަސް 24 ހާފިޡުންނަށް ހަނދާނީ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުން މިހާރު ޙާފިޡުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ޙާފިޡުންނަށް މަހަކު 2000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދެއްވައެވެ.

ސަރުކާރުން ވަނީ ޙާފިޡުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް ބަދަލުކޮށްފައެވެ. އަދި ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ޙާފިޡަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޙާފިޡުން ދަސްވެނިވުމަށް މިފަހަރު ވަނީ ޚާއްސަ ގައުންއެއް ތައާރަފްކޮށްފައެވެ. ހާފިޡުން ދަސްވެނިވީ އެޤައުންގައެވެ. މިއީ ހާފިޒުންނަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ދޭހަކޮށްދޭކަމެކެވެ.

ޙާފިޡުން ދަސްވެނިވުމުގައި ބޭނުންކުރި (ގައުނު އަދި ތާކިހާ) ތައްޔާރު ކޮށްފައިވަނީ ދިވެހިންގެ ދީނީ ޢަޤީދާއާއި ދިވެހީންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމާއި ޤުރްއާންގެ ޢިލްމުގެ ކުރިބޯށިކަމުގައިވާ މާލޭ ހުކުރުމިސްކިތުގައިވާ އިސްލާމީވަންތަ ކުރެހުންތައް އަޞްލަކަށް ބަލައިގެން ދިވެހި ސަޤާފަތާއި ތާރީޚާއި ޢިލްމީ ޙަޟާރަތު ރަމްޒުވާގޮތުގެ މަތިންނެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޡުންގެ އަދަދު އިތުރުކުރުމަކީ މިސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތެކެވެ.