ޚަބަރު

ހިންމަފުށީ ރިހިބިލިޓޭޝަސް ސެންޓަރަށް 500 މީހުންގެ ޖާގަ އިތުރުކުރަން ފަށައިފި


  • މި ދައުރުގެ ތެރޭގައި މިހާރު ޖާގަ 1000އަށް އިތުރުކުރެވޭނެ

  • ދިވެހިރާއްޖޭގައި ޖުމްލަ 6 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހުރޭ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތްކުރަމުން އަންނަ، ހިންމަފުށީ ރިހިބިލިޓޭޝަން ސެންޓަރުގެ ޖާގަ ފަސްސަތޭކަ މީހުންނަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ. މިހާރު އެސެންޓަރުގައި ހުރީ 200 މީހުންގެ ޖާގައެވެ. ސަރުކާރުން ނިންމާފައިވަނީ މިދައުރުގައ އެ ޖާގަ 1000 މީހުންގެ ޖާގައަށް އިތުރުކުރުމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ ފާއިތުވި ތަނުގައި މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް އިތުރުކޮށް އެ ތަންތަނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ތަންތަން މަރާމާތުކޮށް ފަރުވާ ދެވޭނެ ޖާގަ އިތުރުކުރުމަށްޓަކައި މި ސަރުކާރު ވެރިކަމާ ހަވާލުވެ ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ރާޝިދު ވިދާޅުވިއެވެ.


ރާޝިދު ވިދާޅުވީ ފަރުވާއަށް ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މިހާރު ހުރި މަރުކަޒުތަކުގައި އެކަށީގެންވާ ޖާގަ ނެތް ކަމަށެވެ. މިހާރުގެ ޖާގައަކީ 200 މީހުންނަށް ފަރުވާދެވޭނެ ކެޕޭސިޓީކަމަށާއި، ނަމަވެސް ފަރުވާއަށް ބޭނުންވާ އެތައް ބަޔަކު މުޖުތަމަޢުގައި އެބަތިބިކަމަށެވެ. އެހެންކަމުން މިހާރު އިތުރު 500 މީހުންގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާޝިދު ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި މިހާރު ޖާގަ ހުރި މިންވަރަށްވުރެ 1000މީހުންގެ ޖާގައަށް އިތުރުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"450 ޖާގަ ޚާއްސަކުރަނީ ފަރުވާއަށް ބޭނުންވާ ކުދިންނަށް. ބާކީ 50 ޖާގަ ޚާއްސަކުރަނީ ޑުއަލް ޑައިގްނޯސިސް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް. ދާޚިލީ ވުޒާރާގެ ބަޖެޓުގެ ތެރެއިން މަސައްކަތްކުރިއަށްދަނީ." ރާޝިދު ވިދާޅުވިއެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މަޤްސަދުގައި، 1997 ވަނަ އަހަރު، ޖޫން މަހުގެ 26 ވަނަ ދުވަހު، ދިވެހި ސަރުކާރުން ހުޅުވި ސެންޓަރެކެވެ. އެސެންޓަރަށް 28 އަހަރު ފާއިތުވެގެން ދިޔައިރުވެސް ތަނުގެ މަރާމާތަށާއި، ޖަގަ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތްކަން އެންޑީއޭއިން ފާހަގަކުރައްވައެވެ.


ހިންމަފުށީގައި ހުންނަ އެ ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބަންދުގައި ބަހައްޓައިގެން، އޭނާއަށް އިސްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ ސެންޓަރެކެވެ.

ރާއްޖޭގައި ޖުމްލަ 6 ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހުރެއެެވެ. މި ސެންޓަރުތަކުން އެއްފަހަރާ ފަރުވާ ދެވެނީ ގާތްގަނޑަކަށް 570 އެއްހާ މީހުންނަށެވެ. ނަމަވެސް އެކި ގޮތްގޮތުން ޖާގަ ހަދައިގެން މި އަށްވުރެވެސް ގިނަ އަދަދެއްގެ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އެންޑީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ފަރުވާއަށް ޙުކުމްކޮށް ފަރުވާ ދޭން ނުފެށި 100އެއްހާ މީހުން މިހާރުވެސް އެބަތިއްބެވެ.