ޚަބަރު

ރާއްޖޭގެ 6 އަތޮޅެއްގެ ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދަނީ


ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރެއިން 6 އަތޮޅެއްގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އެރަށްރަށުގެ ކައުންސިލްތަކުގައި ދަންނާވާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެގޮތުން ހއ، ހދ، ށ، ނ، ރ އަދި ދ އަތޮޅުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަަށްރަށުގެ ކައުންސިލްތަކަށް ދަންނަވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއާއެކު ހއ.އުތީމު ކައުންސިލުންވަނީ އެރަށު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފައެވެ. މިއިޢުލާނާއެކު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މިކަމުގައި އުތީމު އުޅެނީ ވަރަށް ކުރީގައިކަމަށެވެ.

ސިޓީތަކާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ހާލަތު ދަށްކޮށް ހުރި 55 ކައުންސިލެއްގެ އިމާރާތް ހެދުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ މިއަހަރުގެ ޖެނުއަރީ މަހު ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ.

ސަރުކާރުން އަޅަން ނިންމާފައިވާ 55 ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށާ އަމާޒަކީ ކުރިއަށްއޮތް ދެ އަހަރާ ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ވަޒީރު އާދަމް ޝަރީފްވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިހާތަނަށް 13 ކައުންސިލް އިދާރާއެއްގެ ބިންގާ ވަނީ އަޅާފައެވެ.

ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ. ރަށްރަށުގެ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް މިހާތަނަށްވަނީ އިޢުލާންކޮށްފައެވެ. މި 105 ރަށުގެ މަސައްކަތް ނިމޭއިރު، ޖުމްލަކޮށް %70 ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.