ޚަބަރު

ރާއްޖޭގެ އިސްލާމީ ލައިބްރަރީ މޭ މަހު ސަލްމާން ސެންޓަރުގައި ހުޅުވަނީ


  • އިސްލާމީ ޚުޠުބުޚާނާ ބަންދުކޮށްފައި ހުންނަތާ 10 ވަރަކަށް އަހަރުވެއްޖެ

  • ލައިބްރަރީ އަލުން ހުޅުވުމަށް ދަނީ ތައްޔާރުވަމުން

ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީތައް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ޚުޠުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ ކަމަށެވެ. އެހެން ނަމަވެސް ލައިބްރަރީ ބަންދުކޮށްފައި ހުންނަތާ މިހާރު 10 ވަރަކަށް އަހަރު ވެއްޖެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން ސެންޓަރުގައި އަލުން ހުޅުވިގެންދާނެކަމަށެވެ. އަދި މިކަމާއި ގުޅޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގައި ކުރިން ހުރި ލައިބްރަރީއެއް އެތަން ބަންދުކޮށް ފޮތްތައް 2023 ވަނަ އަހަރުގައި ގުދަނަށް ލާފައިވާކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ބަދަލުކޮށް، ސަލްމާން މިސްކިތުގައި، މީހުންނަށް ވަދެވޭނެހެން ޤައުމީ އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަތޮޅު ތެރޭގައިވެސް އިސްލާމިކް ސެންޓަރުތައް ޤާއިމްކުރުމުގެ މުހިންމު މަޝްރޫއުތަކެއް ވަނީ ފެށިފައެވެ.

ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައި ހުރިނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މި އަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެކަމަށެވެ.