ކުޅިވަރު

ރާއްޖެ އާއި ފިލިޕީންސް: މި ފަހަރު މޮޅުވާނީ ކޮންބައެއް؟


2021 ވަނަ އަހަރު ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްސީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ރާއްޖެ އާއި ފިލިޕީންސް ވާދަކުރާނެ އެވެ. މިއީ ކޮލިފައިންގައި މި ދެ ގައުމު ވެސް ކުޅޭ ފުރަތަމަ މެޗެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ތަޖިކިސްތާނާއި ޓިމޯ ލެސްޓޭ އެވެ. ސައޫދީ އަރަބިއާގައި އޮންނަ އޭޝިއަން ކަޕަށް ކޮލިފައިވާނީ މި ގްރޫޕުން އެންމެ ކުރި ހޯދާ ގައުމެވެ. ކޮލިފައިން ފަށަން މިއަދު ކުޅޭ މެޗު އޮންނާނީ ފިލިޕީންސްގެ ސްޕްރޯލިން ނިއު ކްލާކް ސްޓޭޑިއަމްގަ އެވެ. މިތަނަށް 20000 މީހުންނަށް ވަދެވޭއިރު ދަނޑުގެ މަތީ ބުރި ހާއްސަކޮށްފައިވަނީ ހިލޭ ޓިކެޓް ދީގެން ކުޅިބަލަން ވަންނަ މީހުންނަށެވެ.

ދެ ޓީމުގެ ފެންވަރަކީ ކޮބާ؟

ފިލިޕީންސަކީ އާސިއާން ގައުމެކެވެ. ރާއްޖެ އަކީ ދެކުނު އޭޝިއާގެ ގައުމެކެވެ. ފީފާ ރޭންކިންގައި ފިލިޕީންސް އޮތީ 150 ވަނާގަ އެވެ. ރާއްޖެ އޮތީ 162 ވަނާގަ އެވެ.

ދެ ގައުމުގެ ތެރެއިން ފިލިޕީންސް ވަނީ ފާއިތުވެދިޔަ އަހަރު 15 މެޗު ކުޅެފަ އެވެ. މީގެ ތެރެއިން 3 މެޗުން މޮޅުވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަނެއް 8 މެޗުންވީ ބައްޔެވެ. ނަމަވެސް މިއީ ވޯލްޑްކަޕް ކޮލިފައިން އާއި އާސިއާން ޗެމްޕިއަންޝިޕާއި މާޑެކާ ކަޕް އަދި ކިންގްސްކަޕް ފަދަ މުބާރާތްތަކުގެ ވަރުގަދަ މެޗުތަކެވެ. މިއާ ހިލާފަށް ރާއްޖޭގެ ފުޓްބޯޅަ އެންމެ ހުސްކޮށް ދިޔަ އަހަރު ކަމަށްވާ 2024ގައި ގައުމީ ޓީމު ކުޅުނީ ބަނގްލަދޭޝްއާއެކު ކުޅުނު އެކުވެރިކަމުގެ ދެ މެޗު އެކަންޏެވެ.
2025ގައި ރާއްޖެ ކުޅުނު އިންޑިޔާއައެކު މިދިޔަ ބުދަ ދުވަހު އެވެ. މި އަހަރު ފިލިޕީންސްގެ ފުރަތަމަ މެޗަކީ މިއަދުގެ މެޗެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން

ދެ ޓީމުގެ ކުޅެގެން ކުރި ލިބެނީ ކޮން ބަޔަކަށް؟

ފިލިޕީންސާއި ރާއްޖެ ވަނީ މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ތިން މެޗު ކުޅުނީ ރާއްޖޭގެ އެވެ. އެކަމަކު ދިވެހިން މޮޅުވީ 2009 ވަނަ އަހަރު މާލޭގައި ކުޅެގެން އެކަންޏެވެ. އެންމެ ފަހުން 2021ގައި ކުޅުނު މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. އަނެއް ތިން މެޗުން މޮޅުވީ ފިލިޕީންސެވެ.

ދެ ކޯޗުން ބުނަނީ ކީކޭ؟

ފިލިޕީންސްގެ ކޯޗު ސްޕެއިންގެ އަލްބަޓް ކަޕެޔާސް:

އޭނާ އަކީ ބާސެލޯނާގެ ބީ ޓީމުގެ ކުރީގެ ކޯޗެވެ. ހުސްވި އަހަރު ފިލިޕީންސާ ހަވާލުވުމަށް ފަހު އޭނާ ވަނީ ކުޅުމުގެ ސްޓައިލް ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ސްޓައިލަށް ނުފެތޭ ވަރަށް ގިނަ ކުޅުންތެރިންނަށް ވަނީ ޓީމުން ފުރުސަތު ވެސް ގެއްލިފަ އެވެ. އޭޝިއަން ކަޕަސް ކޮލިފައިވުމަކީ ފިލިޕީންސްގެ އަމާޒެވެ. މިހެންވެ ކޯޗު ބުނީ ރާއްޖެ ބަލިކޮށް ފެށުން ރަނގަޅު ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށެވެ. އޭނާ ބުނީ މެޗު ކުޅެނީ ވިނަ ދަނޑެއްގައި ކަމަށްވުމުން ކުޅުންތެރިންނަށް ފަސޭހަވާނެ ކަމަށާއި ވިނަ ދަނޑެއް ހަމަޖައްސައިދީ ޓްރޭނިންއަށް ރަނގަޅު ވަސީލަތްތައް ހޯދާދީފައިވާތީވެ ފެޑަރޭޝަނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޯޗު ސުޒެއިން --- ފޮޓޯ: ގައުމީ ޓީމު

ރާއްޖޭގެ ކޯޗު އަލީ ސުޒެއިން:

ސުޒެއިނަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. 2019 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ގައުމީ ޓީމުގެ ހެޑްކޯޗު ނުވަތަ އެސިސްޓެންޓް ކޯޗެވެ. މި މެޗާ ބެހޭ ގޮތުން ސުޒޭން ބުނީ އިންޑިޔާ މެޗުގައި ހެދުނު ގޯސްތައް ފަރިތަކުރުންތަކުގައި ރަނގަޅުކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި ރަނގަޅު ފައިޓެއް ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ ކުޅޭ ދަނޑުގެ ފެންނަ ފެނުމަށް ރަނގަޅު ނޫންކަން ފާހަގަކޮށްފަ އެވެ.

ތަރިންނަކީ ކޮބާ؟

ރާއްޖޭގެ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ފޯވަޑް 35 އަހަރުގެ އަލީ ފާސިރު (ސެންޓޭ) އެވެ. މިވަގުތު ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ގައުމީ ޓީމުގެ އެންމެ ތޫނުފިލި ކުޅުންތެރިއަކަށް ފެނުނީ އޭނާ އެވެ. ފިލިޕީންސް ޓީމަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޖަރުމަނުގައި ކުލަބު ފުޓްބޯޅަ ކުޅެމުން އަންނަ 21 އަހަރުގެ މިޑްފީލްޑަރު ސަންދްރޯ ރޭޔޭސް އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 22 މެޗުން ތިން ގޯލު ޖަހައިދީފަ އެވެ.

ދެ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ފިލިޕީންސް: ކުއިންސީ ކަމެރާޑް (ގޯލްކީޕަރު)، ޖެފަސަން ތަބިނާސް، އަމާނީ އަގިނާލްޑޯ، އަދްރިއަލް އަގަލްވިކް، މައިކަލް ކެމްޓާ، ފެނާންޑޭޒް، މައިކަލް ބަލްޑިސިމޯ، ޒިކޯ ބައެލޭ، އެލެކްސް މޯނިސް، ޖާވީ ގަޔޯސާ، ސަންދްރޯ ރޭޔޭސް

ރާއްޖެ: ހުސައިން ޝަރީފް (ގޯލްކީޕަރު)، ހުސައިން ޝިފާއު، އަލީ ސަމޫހް، މުހައްމަދު އިރުފާން، ހައިޝަމް ހަސަން، އިބްރާހީމް މަހުދީ ހުސައިން، ހުސައިން ނިހާން، އިބްރާހީމް އައިސަމް، މުހައްމަދު ނާއިމް، ނާއިޒް ހަސަން (ދާދު)، އަލީ ފާސިރު (ސެންޓޭ)