މިހާރު ބަންގްލަދޭޝްގެ 7 ކޮލެޖަކުން މެޑިސިން އިންޓާންޝިޕް ޕްރޮގުރާމް ދިވެހިންނަށް ފުރިހަމަކުރެވޭނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މީގެ ކުރިން އިންޓާންޝިޕް ޕްރޮގުރާމު ފުރިހަމަކުރެވެނީ ބަންގްލަދޭޝްގެ ދެ ކޮލެޖަކުންނެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ބަންގްލަދޭޝްގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތްތަކާއެކު މިހާރު އިތުރު 5 ކޮލެޖަކުން އިންޓާންޝިޕް ހެދުމުގެ ފުރުޞަތު ދިވެހިންނަށް ފަހިވެފައިވާކަމަށް ޞިއްހީ ވުޒާރާއިން ވިދާޅުވިއެވެ.
• ޗިޓަގޮންގް މެޑިކަލް ކޮލެޖު
• ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖު
• ސެލެޓް މެގް އުސްމާނީ މެޑިކަލް ކޮލެޖު
• މައިމަސިންގ މެޑިކަލް ކޮލެޖު
• ރާޖްޝާނީ މެޑިކަލް ކޮލެޖު
• ޝަހީދު ޒިޔައު ރަޙްމާން މެޑިކަލް ކޮލެޖު
• ކޮކްސް ބާޒާރު މެޑިކަލް ކޮލެޖު
ޞިއްޙީ ވުޒާރާއިން ވިދާޅުވީ ދިވެހިންނަށް އިންޓާންޝިޕް ހެދުމުގެ ފުރުޞަތު ފަހިވެފައިވާ ކޮލެޖުތަކަކީ ރާއްޖެއާއި ބަންގްލަދޭޝްގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ކޮލެޖްތަކެއް ކަމަށެވެ.
ޞިއްހީ ވުޒާރާއިން ވިދާޅުވީ ބަންގްލަދޭޝްއިން އިންޓަރޝިޕް ފުރުޞަތު ހޯދަން ބޭނުންވާ ދަރިވަރުން ވުޒާރާގެ މެއިލް މެދުވެރިކޮށް އެކަން އެންގޭނެ ކަމަށެވެ.
ޞިއްޙީ އެކި ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ފަހިކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.