ހއ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ. މުރައިދޫގައި މި ޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާއިި ބެހޭ ވަޒީރު ޠާރިގް އިބްރާހީމެވެ.
ހއ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތި އުތުރުބުރީގެ ބައެއް ރަށްރަށަށް ޖެނުއަރީ މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންނަގަވާފައެވެ. އަދި ފައިސާ ނެންގެވި ކާޑު ވަނީކައުންސިލާ ޙަވާލުކުރައްވާފައެވެ.
މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވީ މިއަހަރެ ނިޔަލަށް 250އަށްވުރެ ގިނަ ސެލްފު ސަރވިސް އޭޓީއެމް ޤާއިމްކުރެވޭނެކަމަށެވެ.