ހީނާމާގޭ ޕާކިން ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި މީހުން އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭ ހީނާމާގޭ ޕާކިންގ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށެވެ.
އެ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވާއިރު، މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ އެ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން ދެނެގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި ރޭ ވަނީ މާލޭގެ ހީނާމާގޭ ޕާކިންގ ސަރަހައްދުގައި އުޅެމުންދިއަ ބިދޭސީން ބަލައި ފާސްކޮށްފައި. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. pic.twitter.com/MMdKsR73KX
— Maldives Immigration (@ImmigrationMV) March 23, 2025
އެގޮތުން މިދިޔަ ޖެނުއަރީމަހު ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ހީނާމާގޭ ޕާކިން ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 17 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ދަށަށް ގެނެސްފައެވެ. ހީނާމާގޭ ޕާކިންގ ސަރަޙައްދަކީ އެކި މަސައްކަތްތަކަށް ގިނަ އަދަދަކަށް ބިދޭސީން ޖަމާވާ ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ.
އެކި ދުވަސް މަތިން އިމިގްރޭޝަނުން ދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.
ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.