ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތުގެ ދަށުން ހަތަރު ސަރަޙައްދަކުން 52.15 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން ވަނީ މިމަހުގެ 9ވަނަ ދުވަހާހަމައަށް ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފާސް ހިސާބުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވާފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ، މިވަގުތު "އޭރިއާ ޑީ، އެފް، ޖީ އަދި އެލް" ހިމެނޭ ސަރަޙައްދުތަކުން 52.15 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާކަމަށެވެ. މި ސަރަޙައްދުތަކުން ޖުމުލަ 378 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން "އޭރިއާ ޖޭ"ގައި ހިމެނޭ 29 ހެކްޓަރު ހިއްކާ ވަނީ ނިންމާލާފައެވެ. އެޗްޑީސީން ވިދާޅުވި އިތުރު ސަރަޙައްދުތައް ހިއްކުމަށްޓަކައި އެތަންތަނުގައި ހުރި މުރަކައިގެ ދިރުންތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
"ރަސްމާލެ" މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އުއްމީދީ މަޝްރޫޢުއެވެ. ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫޢު ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މިގޮތުން 12 ސަރަޙައްދަކަށް ބަހާލައިގެން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ. ރަސްމާލެ މަޝްރޫޢު ހިއްކުމުގެ މަސައްކަތްކުރަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީއެމްސީއާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. މިމަސައްކަތް އަވަސްކުރުމަށް އިތުރު ކުންފުނިތަކާއި ގުޅިގެން ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އިތުރު ޑްރެޖަރުތަކާއެކު މިއަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ދެތިންގުނަ އަވަސްކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސްވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ"އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.