ދުނިޔެ

ފަލަސްތީނުގެ މައްސަލައަށް ހައްލު ގެނެވިދާނެ- ސާމިޙް ޝުކްރީ


ފަލަސްތީނުގެ މައްސަލައަށް ދެދައުލަތުގެ ހައްލު ގެނެވިދާނެ ކަމަށް މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީ ވިދާޅުވެއްޖެއެވެ.

އިސްރާއީލަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އެޤައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫއާއެކު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސާމިޙް ޝުކްރީ ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ހައްލު ކުރެވޭނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް އުފައްދައިގެން ކަމަށާ އެއީ ހާސިލް ނުކުރެވޭނެ ކަމެއްނޫންކަމަށެވެ.

މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކްރީ މިހާރު އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ފާއިތުވި ނުވަ އަހަރު ތެރޭގައި މިސްރުގެ ޚާރިޖީ ވަޒީރަކު އިސްރާއީލަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 1979ވަނަ އަހަރު މިސްރާއި އިސްރާއީލާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށް މިސްރުން އިސްރާއީލަށް އިޢްތިރާފް ވެފައިވީނަމަވެސް އެދެޤައުމުގެ ދެމެދުގައި ގާތް އަދި އިތުބާރުހުރި ގުޅުންތަކެއް އުފެދިފައެއް ނުވެއެވެ.

އިސްރާއީލާއެކު މިސްރުން ސުލްޙަ ޤާއިމްކޮށްފައިވަނީ މަޖްބޫރީ ޙާލަތެއްގައި ކަމަށް ބެލެވޭތީއާއި އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު އުދުވާނީ ހަމަލާތައްދީ ފަލަސްތީނުގެ ކުށެއްނެތް އާންމުން މަރަމުން ގެންދާ ހަރުކަށި ޤައުމަކަށްވާތީ މިސްރުގެ އާންމުން އަދިވެސް އިސްރާއީލާ މެދު ދެކެނީ ދުޝްމަނެއްގެ ގޮތުގައެވެ. މީގެއިތުރުން އިސްރާއީލަކީ އަރަބިންނާއި މުސްލިމުންގެ ތާރީޚީ ދުޝްމަނަކަށްވެފައި މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާއަށް އިސްރާއީލުން ގޯނާކޮށް އެމުގައްދަސް ބިނާގެ ހުރްމަތް ކަނޑާލުމަށް ތަކުރާރުކޮށް އިސްރާއީލުން މަސައްކަތް ކުރަމުން ގެންދާތީ އިސްރާއީލާއި މިސްރާ ދެމެދު ސުލްޙަ ޤާއިމްކުރިނަމަވެސް ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ފިނި ގުޅުންތަކެކެވެ.

2011 ވަނަ އަހަރުގެ އަރަބި ރަބީއުގެ އޮއިވަރުތަކާ ގުޅިގެން މިސްރުގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއެކު އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ލީޑަރެއްކަމަށްވާ ޑރ. މުހައްމަދު މުރުސީ މިސްރުގެ ވެރިކަމަށް އިންތިޚާބު ކުރެވުމާއެކު މިސްރާއި އިސްރާއީލުގެ ގުޅުންތައް އާދަޔާ ޚިލާފަށް ހީނަރުވެގެން ގޮސްފައިވެއެވެ. އަދި އިސްރާއީލާ ގުޅުންތައް ކަނޑާލުމަށްވެސް މިސްރުގެ ސިޔާސީ ބައެއް ފަރާތްތަކުން އެދުވަސްވަރު ގޮވާލަމުން ގެންގޮސްފައިވެއެވެ. ނަމަވެސް މިސްރުގެ ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގައި ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލައި އެއަށްފަހު މިސްރުގެ ވެރިކަމަށް އަބްދުލްފައްތާޙް އައްސީސީ އިންތިޚާބުވެ ވަޑައިގަތުމުން މިސްރާއި އިސްރާއީލުގެ ގުޅުންތައް ރަނގަނޅުވެގެންދިޔައެވެ. މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ މިހާރު އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީވެސް ދެޤައުމުގެ ގުޅުންތައް ރަނގަނޅުވިކަން ހާމަކޮށްދޭ ކަމެކެވެ.

މިސްރުގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ސާމިޙް ޝުކުރީގެ މިދަތުރުފުޅަކީ ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ބާރުއެޅުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބޭއްވުމުގެ ކުރިން ދެބޭފުޅުން އެކުގައި ބޭއްވި ނޫސްކޮންފަރެންސްގައި ނަތަންޔާހޫވެސް ވާހަކަ ދެއްކެވިއެވެ. ނަތަންޔާހޫ ވިދާޅުވީ އޭނާގެ ސަރުކާރަކީ ސުލްޙައަށް ފުރަގަސްދޭ ސަރުކާރެއް ނޫންކަމަށާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އަރަބި ޤައުމުތަކުން އެކުލަވާލާފައިވާ ސުލްހައިގެ މަޝްރޫއާބެހޭގޮތުން މަޝްވަރާ ކުރަން އޭނާގެ ސަރުކާރު އޮތީ ތައްޔާރަށްކަމަށެވެ.

އަރަބި ޤައުމުތަކުން އެކުލަވާލާފައިވާ ސުލްހައިގެ މަޝްރޫއު ބިނާވެފައިވަނީ 1967ގެ ހަނގުރާމައިގަ އިސްރާއީލު ހިފި ފަލަސްތީނުގެ ބިންތަކާއި އަރަބި އެނޫން ޤައުމުތަކުގެ ބިންތަކުން އިސްރާއީލު ފޭބުމުގެ މައްޗަށެވެ. މިގޮތުން  އެހަނގުރާމައިގެ ކުރިންއޮތް ސަރަހައްދީ ރޮނގާ ހަމައަށް އިސްރާއީލު ފަހަތަށްޖެހި ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުޞަތު ދިނުމުން އަރަބި ޤައުމުތަކުން އިސްރާއީލަށް އިއްތިރާފްވެ އިސްރާއީލާއެކު ސުލްޙަ ޤާއިމް ކުރުމަށް މިމަޝްރޫއު ގޮވާލައެވެ. ނަމަވެސް އަރަބި ޤައުމުތަކުން ހުށަހަޅާފައިވާ ސުލްޙައިގެ މިމަޝްރޫއާ އެއްގޮތަށް އަމަލު ކުރުމަށް އިސްރާއީލުވަނީ ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.