މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ޖަނާޒާ މާދަމާ މެންދުރު ނަމާދަށްފަހު މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ކޯޗު އިޙްސާން އަބްދުލްޣަނީ (ސާންތީ) ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭގެ ވަގުތެއްގައެވެ.
ސާންތީގެ މޫނު ދެއްކުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. ފަސްތާނުލުމަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.
މަޝްހޫރު ފުޓްބޯޅަ ކޯޗު ނިޔާވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ހަމައެހެންމެ ކުޅިވަރަށް ލޯބިކުރާ އެކި ފަރާތްތަކުން އަންނަނީ މި ހިތާމައިގައި ބައިވެރިވެ، ސާންތީގެ އާޢިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
ގިނަ ބަޔަކަށް ސާންތީ އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޤައުމީ ފުޓްބޯޅަ ޓީމުންނެވެ. އޭނާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ފުޓްބޯޅައިން ތައްޓެއް ހޯދައިދިން ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެވެ. 2008 ވަނަ އަހަރު ރާއްޖެއާއި ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ދިވެހިންނަށް ކާމިޔާބުކޮށްދިނުމުގައި އޭނާ އަދާކޮށްފައި ވަނީ ވަރަށް ފުރިހަމަ ޒިންމާއެކެވެ.