ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާންގެ ބަންދަށް 15 ދުވަސް


  • ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ޝަމްޢާން މަޤާމުން ވަކިކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު

  • ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކަކާއެކު އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަޤާމުން އޭނާ ވަކިކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ފުލުހުން ހުކުރު ދުވަހު ނެރުނު ބަޔާނުގައި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހިންގާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ފާހަގަވި ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް އަދާކުރަމުންދާ ޓާސްކް ފޯރސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ގެންގޮސްފައިވާކަމަށެވެ.

އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.