ކުޅިވަރު

ރަމަޟާން 7ވީ7 ލީގު: އެމްއެސް މޭޓްސް ސެމީއަށް


މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ ވެޓެރަންސް ކެޓެގަރީން ސެމީ ފައިނަލަށް އެމްއެސް މޭޓްސް ދަތުރުކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި މިއަދު ވެޓެރަންސް ކެޓެގަރީގައި ކުޅުނު މެޗު އެމްއެސް މޭޓްސްއިން ކާމިޔާބުކުރީ ހިންނަވަރު ހައިނުސްއާ ވާދަކޮށް 6-2 ގެ ނަތީޖާއަކުންނެވެ. މި ގުރޫޕުގައި މިއަދު މުއިވެޔޮ އާއި ކުލަބު ޕީކޭ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި ނަތީޖާއެކު އެމްއެސް މޭޓްސްއިން ސެމީގެ ޖާގައެއް ޔަގީންކުރީ ބާކީ އެއް މެޗު އޮއްވައި މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މިއަދުގެ މެޗުން ހޯދި ޕޮއިންޓަކާއެކު ޕީކޭ ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

މި މުބާރާތުގެ މާސްޓަރސް ކެޓެގަރީގައި ކުލަބު ވެލެންސިއާއާ ވާދަކޮށް އެމްއެސް މޭޓްސް ވަނީ 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮއްފައެވެ. މި މޮޅާއެކު އެމްއެސް މޭޓްސް ވަނީ މުބާރާތުގެ މާސްޓަރސް ކެޓެގަރީގެ ސެމީގެ ފުރުސަތު ހޯދުމާ ގާތަށް ޖެހިލާފައެވެ. އެ ޓީމު މި ވަގުތު ގުރޫޕުގެ ތިންވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކެވެ. ގްރޫޕުގެ ދެވަނައިގަ ވެލެންސިއާ އޮތީ ހަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ސޮކަރ ވެޓެރަންސް ޓީމަށް ބާކީ އެއް މެޗު އޮތްއިރު، އެ ޓީމުން ވަނީ ސެމީގެ ޖާގަ ޔަގީންކޮށްފައެވެ.

ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތް ޚާއްސަކޮށްފަވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށެވެ.