ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: ފަތަހަ، ޔުނައިޓެޑް ފުޑް އަދި ހިރާސާއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި ކުޅުނު ފުރަތަމަ މެޗުތަކުން ފަތަހަ މޯލް އާއި، ޔުނައިޓެޑް ފުޑް ސަޕްލައިސް އަދި ހިރާސާ ކެމިސްޓް މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި މި ފަހަރުވެސް ތިން މުބާރާތެއް ހިމެނެއެވެ. އެގޮތުން ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތާއި، ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބޭއްވި އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުންމީގެ ކުރިން ވަނީ ނިމިފައެވެ. ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލްގައި 10 ޓީމެއް ބައިވެރިވެފައިވާއިރު، މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން ފަތަހަ މޯލް މޮޅުވީ އެޕެކްސް މޯލްޑިވްސްއާ ވާދަކޮށް އަށް ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން އެޕެކްސް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 27 ލަނޑު ހެދި ސުމިތު ފެނާންޑޯއެވެ.

ޖަވާބުގައި ފަތަހަ މޯލް ކުޅެން އަރައި ފަސްވަނަ އޯވަރުގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 85 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ސައިދުލް އިސްލާމް އާއި ސުހައިލް މިއާއެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 36 ލަނޑު ހަދާފައެވެ.

މިއަދު ކުޅުނު ދެވަނަ މެޗުން ޔުނައިޓެޑް ފުޑް މޮޅުވީ ލަންކާ ލަޔަން މޯލްޑިވްސްއާ ވާދަކޮށް 20 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ޔުނެޓެޑް ފުޑް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 146 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 32 ލަނޑު ހެދި ތިލާނާ ފެނާންޑޯއެވެ.

ޖަވާބުގައި ލަންކާ ލަޔަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 126 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 38 ލަނޑު ހެދި ޖަނަކަ މަލިންދާއެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ކުޅުނު ތިންވަނަ މެޗުން ހިރާސާ ކެމިސްޓް މޮޅުވީ އެލިއާ މޯލްޑިވްސްއާ ވާދަކޮށް ހަތަރު ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން އެލިއާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 16 ލަނޑު ހެދި އަސްކަރު ހުސެއިންއެވެ.

ޖަވާބުގައި ހިރާސާ ކުޅެން އަރައި ހަތްވަނަ އޯވަރުގައި ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 80 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 12 ބޯޅައިން 24 ލަނޑު އެއްކުރި އަޖިންއެވެ.