ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ "އާރތް އަވަރ" ހަރަކާތުގައި ރާއްޖޭގެ އެންމެހާ މުއައްސަސާތަކާއި ޢާންމުން ބައިވެރިވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ.
"އާރތް އަވަރ" ހަރަކާތަކީ، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ މުހިންމު ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އަޅުގަނޑުމެންގެ ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓަށް ރަމްޒީ "ލައިޓް އައުޓް" ވަގުތު ކޮޅެއްގައި ބައިވެރިވެ، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ "އާރތް އަވަރ" ގައި ބައިވެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ ވަގުތުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމަކީ މި ޙަރަކާތް ފާހަގަކުރުމަށް މުހިންމު ކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ، ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ދިއްލުންތައް މި ގަޑިއަށް ނިއްވާލައި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާހައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެން އެކުގައި މި ހަރަކާތުގައި ބައިވެރިވުން މުހިންމުކަމަށެެވެ.
ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމުން، ގުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެންކަމުން، މި ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.