ތިމާވެށި

10 ރަށެއްގައި ކުނިމެނޭޖްކުރުމާގުޅޭ މަޝްރޫޢުތަކެއް ހިންގަނީ


ރާއްޖޭގެ 10 ރަށެއްގައި ކުނިމެނޭޖްކުރުމާގުޅޭ މަޝްރޫޢުތަކެއް ހިންގެވުމަށް ކޮންޓްރެކްޓަރުންނާ  ޙަވާލުކުރައްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ސޮއިކުރައްވާފައެވެ.

ރައްކާތެރިގޮތުގައި ކުނިމެނޭޖްކޮށް، ނައްތާލުމުގެ ތަފާތު މަޝްރޫޢުތައް ސަރުކާރުގެ ފަރާތުން މާލެއާއި އަތޮޅުތަކުގައި ގެންދަވަނީ ހިންގަވަމުންނެވެ. އެގޮތުން ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރެއްވުމާއި، ރަށްރަށުގެ ކުނިކޮށިތައް މަރާމާތުކުރައްވައި، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކުނި ނައްތާލުމުގެ މަސައްކަތް ދަނީ ވަރަށް ފުޅާދާއިރާއެއްގައި ކުރައްވަމުންނެވެ.

ސަރުކާރުން ކުރައްވަމުންގެންދަވާ މި މަސައްކަތުގެ ދަށުން މިއަދު ދ. ކުޑަހުވަދޫގައި ކުނި އެންދުމަށް ބޭނުންކުރާ އިންސިނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ޙަވާލުކުރެއްވީ އެޒްރޯވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ޙަވާލުކުރެއްވީ 684 ހާހަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައިވާގޮތުން، މި އެއްބަސްވުމުގައި ސޮއިކުރާތާ 79 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

ދެވަނަ މަޝްރޫޢުގެ ގޮތުގައި އަމިއްލަ ފަރާތަކާ ހަވާލުކުރެއްވީ ރ. އިނގުރައިދޫގައި ރަށު ފެންވަރުގައި ކުނިމެނޭޖްކުރާ މަޒުކަޒެއް ޤާއިމުކުރުމުގެ މަޝްރޫޢެވެ. މި މަސައްކަތް ހަވާލުކުރެއްވީ ވިންލޭންޑް ޕްރައިވެޑް ލިމިޓެޑާއެވެ. މި މަސައްކަތުގެ ޖުމްލަ އަގު 895 ހާހަށް ވުރެ ބޮޑެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައިވާގޮތުން، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2 މަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.

އައްޑޫ ސިޓީ ހިތަދޫ، ހުޅުމީދޫ އަދި ޏ. ފުވައްމުލަކުގައި ޑަސްބިންތައް ބެހެއްޓުމުގެ މަސައްކަތް ޙަވާލުކުރެއްވީ ބިލްޑްރޯ ސީ އެންޑް ސީ ޕްރައިވެޓް ލިމިޑެޓާއެވެ. މި މަސައްކަތް ޙަވާލުކުރެއްވީ 37 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް ފަސްސަތޭކަ ފަސްދޮޅަސްހާސް، ދުއިސައްތައަށްވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން ދެކުނުގެ 5 ރަށެއްގައި ޑަސްބިން ބެހެއްޓުމަށާއި، ކުނި ކޮމްޕޯސްޓްކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް އެންޓްރާންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށްކިޔާ އަމިއްލަ ކުންފުންޏަކާވެސް ވަނީ ޙަވާލުކުރައްވާފައެވެ. މި މަސައްކަތުގެ ދަށުން ގދ. ތިނަދޫ، ގދ. މަޑަވެލި، ގއ. ގެމަނަފުށި، ގއ. ދެއްވަދޫ އަދި ގއ. ވިލިނގިއްޔަށް ބޭނުންވާ މި ތަކެތި އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. މި މަސައްކަތަށް ފަސްސަތޭކަ ތޭވީސް ހާހަށްވުރެ ރުފިޔާ ޚަރަދުވާނެކަމަށް ބެލެވެއެވެ. އެންޓްރާންސް ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 32 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު ވިދާޅުވީ ހއ. ހދ. އަދި ށ، މި 3 އަތޮޅު ހިމެނޭ ރީޖަނަލް ވޭސްޓްމެނޭޖްމެންޓްސެންޓަރ ހެއްދެވުމާއި އަދި ރަށު ފެންވަރުގައި ވޭސްޓްމެނޭޖެމެންޓް ސެންޓަރ ހެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ރ. ބ. ޅ. ނ. މި 4 އަތޮޅު ހިމެނޭގޮތަށް 44 ރަށެއްގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރ ޤާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މި 4 އަތޮޅުގައި ޤާއިމުކުރެއްވުމަށް ހަމަޖެހިފާއިވާ ވޭސްޓްމެންޓް ސެންޓަރ ޤާއިމުކުރެއްވުމުގެ މަސައްކަތުގެ ދަށުން ގިނަ ރަށްރަށުގައި ވޭސްޓްމެނޭޖްމެންޓް ސެންޓަރ ޤާއިމްކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި 4 އަތޮޅުގައި ޤާއިމުކުރައްވާފައިވާ ރީޖަނަލް ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް އަންނަ އޯގަސްޓްމަހުގެ ތެރޭގައި ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްކާތެރިކަމާއެކު ކުނިމެނޭޖު ކުރުމަކީ މުހިންމުކަމެއްކަމަށް ބައްލަވައި، ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.