ރަމަޟާންމަހުގެ ފަހު 10 ގައި ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް އެމްޓީސީސީން ނިންމަވައިފިއެވެ.
އެމްޓީސީސީން ވިދާޅުވީ، އެކުންފުނިން މާލެއާއި، ހުޅުމާލެއާ ދެމެދު، އަދި މާލެތެރޭގައި ފޯރުކޮށްދެމުންދާ އާރްޓީއެލް ބަހުގެ ޚިދުމަތް ރަމަޟާންމަހުގެ ފަހު 10ގެ ރޭތަކުގައި ދަތުރުވެރިންނަށް އިތުރު ފުރިހަމަކަމަކާއެކު ދިނުމަށްޓަކާ މިރެއިން ފެށިގެން މި ޚިދުމަތްދޭ ގަޑިތައް އިތުރުކުރަން ނިންމާފައިވާކަމަށެވެ.
އެގޮތުން މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ R7 ,R6 ،R2 ,R1 އަދި R8 ގެ ދަތުރުތަކާއި، މާލެތެރޭގައި ދަތުރުކުރާ R10 އަދި R11 ގެ ދަތުރުތަކުގެ ޚިދުމަތް 2:00 އާއި ހަމަޔަށް އިތުރުކުމަށް ވަނީ ނިންމައިފައެވެ. މި ރޫޓްތަކަށް މީގެ ކުރިން ބަސް ދަތުރުތައް ކުރަމުންދިޔައީ ރޭގަނޑު 12:00 ޖެހުމާ ހަމައަށެވެ.
އެމްޓީސީސީން ވިދާޅުވީ، މި ބަދަލުތަކަކީ ރަމަޟާންމަސް ފެށުނީއްސުރެ ދަތުރުވެރިން އެންމެ ގިނައިން ބަހުގެ ޚިދުމަތް ބޭނުންކުރާ ގަޑިތަކާއި މިންވަރަށް ބަލައި، އާންމުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ގެނެސްފައިވާ ބަދަލުތަކެއްކަމަށެވެ. އަދި މި ބަދަލުތަކާގުޅިގެން އެކުންފުނީގެ އުއްމީދަކީ މާތްވެގެންވާ ރަމަޟާންމަހުގެ ފަހު 10 ގެ ރޭތަކުގައި ބަހުގެެ ޚިދުމަތް ހޯދާ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގުޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުންކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.