ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޓިއުނީޝިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


  • ޓިއުނީޝިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި

  • ޓިއުނީޝިއާއަށް މިނިވަންކަން ލިބުނީ 20 މާޗު 1956 ގައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓިއުނީޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިއެވެ.

އެމަނިކުފާނު ވަނީ ޓިއުނީޝިއާގެ މިނިވަންދުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް، ޤައިސް ސަޢީދާއި ބޮޑުވަޒީރު ކަމާލް މަދަވްވަރީއަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

ޓިއުނީޝިއާގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައެވެ. އަދި، ޓިއުނީޝިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މާޗު މަހުގެ 20ވަނަ ދުވަސް ފާހަގަކުރަނީ ޓިއުނީޝިއާގެ މިނިވަން ދުވަހުގެ ގޮތުގައެވެ. އެ ޤައުމަށް މިނިވަންކަން ލިބުނީ 20 މާޗު 1956 ގައެވެ.