ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާންކުރެއްވުން ޢީދު ދުވަހު ހެނދުނު މުލީއާގޭގައި


  • ޢީދު ސަލާން ކުރައްވާނީ ހެނދުނު 9:00 އިން 11:00 އަށް

  • ވީހާވެސް ގިނަ ބަޔަކު ޢީދު ސަލާމުގައި ބައިވެރިވުމަށް ވަނީ އެދިވަޑައިގެންފައި

ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައެވެ.

ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

އަދި ޢާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަޢުވަތު އަރުވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.


ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިދިޔަ އަހަރުވެސް ފިޠުރު ޢީދު ދުވަހު ޢީދު ސަލާމްކުރެއްވުން ކުރިއަށް ގެންދަވާފައެވެ.