ޚަބަރު

ބީއެމްއެލްގެ ހިއްސާއަކަށް 55 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައަޅަނީ


  • މިއީ މިހާތަނަށް ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދު

  • 296 މިލިއަން ރުފިޔާގެ އަދަދެއް ބެހުމަށް ވަނީ ނިންމާފައި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް އެ ބޭންކުން ނިންމައިފިއެވެ. ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމުލަ 296 މިލިއަން ރުފިޔާގެ އަދަދެއް ބެހުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ. މިއީ މިހާތަނަށް ބޭންކުން ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.

ބީއެމްއެލްގެ މާލީ ރިޕޯޓުން ދައްކާގޮތުން ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ކުރިއެރުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ މިދިޔަ އަހަރު ބޭންކަށް ލިބިފައިވެއެވެ. ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ ނިސްބަތެއްގައި ހިފެހެއްޓިފައެވެ. މި ގޮތުން ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތްހުރީ 58% ގައެވެ. އަދި ހަމައެހެންމެ ދިވެހި ރުފިޔާ އާއި ޑޮލަރުގެ ލިކިއުޑިޓީވެސް ހަރުދަނާ މިންގަނޑެއްގައި ވަނީ ހިފެހެއްޓިފައިވާކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން 21،000 އަށްވުރެ ގިނަ އައު ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައިވާކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި 5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު މިފަދަ ކާމިޔާބީ ނަތީޖާއެއް ހާސިލްކުރެވުމުން ފަޚުރުވެރިވާކަމަށާއި މި ނަތީޖާ ހޯދުނީ ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާކަމާއި މުވައްޒަފުންގެ މިންނެތް މަސައްކަތުންކަމަށެވެ.

"މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން." މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، ބޭންކުގެ ފައިދާއިން %25 ގެ ޓެކުހެއް ދައްކައި، ވާދަވެރި މާހައުލެއްގައި، ރަނގަޅު މާލީ ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާއަށް ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ދައްކުވައިދެނީ ބޭންކުގެ ހިންގުން ހަރުދަނާކަންކަމަށެވެ. ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.