ޚަބަރު

ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި


  • މި ޙަމަލާތަކުގައި 400 އެއްހާ މީހުން ވަނީ ޝަހީދުކޮށްލާފައި

ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ ޢުދުވާނުތަކުގައި ޣައްޒާގައި ސުންނާފަތިވެފައިވާ ސަރަޙައްދެއް | ފޮޓޯ: ރޮއިޓަރސް

ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ބަރަކާތްތެރި ރަމަޟާންމަހާއި ދިމާކޮށް ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެ ޤައުމުގެ ކުށެއްނެތް ކުޑަކުދިން ހިމެނޭގޮތުން 400 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއީ ދުނިޔޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކަށް ބަލާއިރުވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މި ހަމަލާތައް ދެމުންދަނީ ބަރަކާތްތެރި ރަމަޟާންމަހުކަމަށްވާތީ ރާއްޖެއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މި މައްސަލައިގައި ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ދުނިޔެއަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. ރާއްޖެއިން އަބަދުވެސް ދަނީ ފަލަސްޠީނާއެކު އޮތްކަން ހާމަކުރަމުންނެވެ. އަދި ބައިނަލްއަޤްވާމީ އެކިއެކި ޕްލެޓްފޯމްތަކުގައިވެސް ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ދަނީ ވަކާލާތުކުރަމުންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ ޤަތުލުޢާންމު އަލުން ފަށައި، އެ ސަހަރުގެ އެކި ކަންކޮޅުތަކަށް ނިރުބަވެރި ޙަމަލާތައް ދަނީ ދެމުންނެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ޔަހޫދީން ދޭން ފަށާފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ އިތުރުން މެދުތެރެއާއި ދެކުނުގައި އޮތް ދަޔިރް އަލް-ބަލަޙާއި، ޚާން ޔޫނިސް އަދި ރަފަޙަށެވެ. އެ ރަށްތަކުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. މި ޙަމަލާތަކާ އެކު، ޙަމާސާ އެކު އަމަލު ކުރަމުން ދިޔަ އެއްބަސްވުމާ ޔަހޫދީން ޚިލާފުވެފައިވާ ކަމުގައި އެ ޖަމާޢަތުން ހާމަކުރިއެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް އަލުން ފެށުމާ އެކު، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އަމަލު ކުރަމުން ދިޔަ އެއްބަސްވުން މި ވަނީ ނިމުމަކަށް އައިސްފައެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި 61,700 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، 111,000 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ.