މުނިފޫހިފިލުވުން

''ހާދަރު'' ގެ ދެވަނަ ޓްރެއިލަރ ލޯންޗުކޮށްފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ތައްޔާރުކޮށް ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ދިވެހި ފީޗަރ ފިލްމް ''ހާދަރު'' ގެ ދެވަނަ ޓްރެއިލަރ ލޯންޗުކޮށްފިއެވެ.

މި ފިލްމްގެ ދެވަނަ ޓްރެއިލަރ ލޯންޗުކުރީ ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ހާދަރުގެ ކައުންޓް ޑައުން ޝޯގައެވެ. މިމަހުގެ 16 ވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ. ފިލްމްގެ ޓިކެޓް އެމްއެންޑީއެފްގެ ބަންޑާރަ ކޮށްޓާއި، ކަޅުތުއްކަލާކޮށީގެ އިތުރުން އޮލިމްޕަހުން ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. ބިންމާ އިބްރާހީމް ވަޙީދު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ދިވެހި ސިފައިން ކޮށްފައިވާ މުޙިންމު މަސައްކަތްތަކާއި މުޖުމުތަމަޢަށް އެނގެންޖެހޭ ވަރަށް ގިނަ މަސެޖްތަކާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކުރުމުގައި ފަރުދީ ޒިންމާގެ މުޙިންމުކަން ފެނިގެންދާނެކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ރޭ ބޭއްވި ހަފްލާގައި ހާދަރު ފިލްމްގެ ސްޕޮންސަރުން ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ، އަދި އެލައިޑް އިންޝުއަރެންސް ކުންފުންޏާއެކު އެމްއެންޑީއެފުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެވެ. ކައުންޓް ޑައުން ޝޯވގައި ހާދަރުގެ މޭކިންގ އަދި ބައެއް ވީޑިއޯ ކްލިޕް ދައްކާފައިވެއެވެ.

ރޭގެ ހަފްލާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބާ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަންނާނުން ބައިވެރިވެފައިވެއެވެ. މި ހަފްލާގައި މުނިފޫހިފިލުވައިދިނުމުގެ ޙަރަކާތްތަކެއްވެސް ހުށަހަޅައިދީފައިވެއެވެ.