ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ރާއްޖޭގެ ފުޓްބޯޅަ އޮތް އުނދަގޫ ހާލަތު ނުފެންނާނެ ކަމަށް ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ ހުރިހާ ގޮތަކުން މި ވަގުތަކީ ރާއްޖެއަށް ފުޓްބޯޅައިގައި އުނދަގޫތައް ތަހައްމަލުކުރަމުންދާ ދަނޑިވަޅެއް ކަމަށެވެ. އެހެން ނަމަވެސް އެންމެފަހުން ކުޅުނު ދެ މެޗުން ކުޅުންތެރިން ކުޅެން ބޭނުންވެފައި ތިބި މިންވަރު ފެނިގެންދިޔަ ކަމަށް ސުޒެއިން ބުންޏެވެ.
މި ވަގުތު ގައުމީ ސްކޮޑުގައި ތިބި ކުޅުންތެރިން އެކުރާ ހިތްވަރާއި މަސައްކަތްތަކަށް ޝުކުރުއަދާކުރަމުން ސުޒެއިން ބުނީ ކުރިއަށް އޮތް ދެ މެޗުގައި ކުޅުންތެރިންގެ ފަރާތުން އެންމެ ބޭނުންވާ ކުޅުން ފެންނާނެ ކަމާމެދު ޝައްކުނުކުރާ ކަމަށެވެ. މި ފަހަރުވެސް އޭނާ ކޯޗަކަށް އައްޔަންކުރި ހިސާބުން ފުޓްބޯޅަ އާއިލާގެ ވަރަށް ގިނަ ބަޔަކު މެސެޖުކުރި ކަމަށާއި، އެ ދިން ޚިޔާލުތަކުން އެންމެންގެ ބައިވެރިވުން އޮތްވަރު ފެނިގެންދިޔަ ކަމަށް ސުޒެއިން ބުންޏެވެ.
"ވަރަށް ބައިވަރު ދިމަދިމާލުން ފުޓްބޯޅައަށް ސަޕޯޓުކުރާ އެކި ބޭފުޅުންގެ ޚިޔާލު. އެއީ ވަރަށް މުހިންމު އެއްޗެއް ހަގީގަތުގައި. އޭގެއިން އެނގިގެންދަނީ އެ ހިޔާލުތަކަކީ މިހާރު އަޅުގަނޑުމެން ކުރަމުންދާ ކަމެއް ކަމުގަ ވިޔަސް، އެމީހުންގެ ކޮމިޓްމެންޓް، ބައިވެރިވުން އޮތްވަރު މީގެން މި އެނގެނީ. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ދިވެހި ގައުމީ ޓީމުގެ ފަހަތުގައި އޮވެ އަޅުގަނޑަށް ވަރަށް ގިނަ މެސެޖުތައް އައި، ޚިޔާލުތައް އައި، ޓީމަށް ނަގަންވީ ކުދިން އައި، ސްކޮޑު ނަގަންވީ ކިހިނެއްތޯ އައި. މިކަންކަމަކީ ވަރަށް ރަނގަޅުކަންކަން ހަގީގަތުގައި." ސުޒެއިން ބުންޏެވެ.
ރާއްޖޭގެ ގައުމީ ޓީމުން އިންޑިއާއާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިމުގެ މެޗު އޮންނާނީ މާދަމާ އިރުއޮއްސި 18:30 ގައި ޝިލޮންގުގެ ޖަވާހިރުލާލް ނެހެރޫ ސްޓޭޑިއަމުގައެވެ.