ކުޅިވަރު

މަސައްކަތް ކުރަނީ ޖޫން ނުވަތަ ޖުލައި މަހު އެފްއޭއެމްގެ އިންތިޚާބު ބާއްވަން: ވަޒީރު ރާފިޢު


ރާއްޖޭގެ ފުޓްބޯޅަ ހަމަމަގަށް އެޅުމަށް މި ވަގުތު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ މި އަހަރުގެ ޖޫން ނުވަތަ ޖުލައި މަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު ބޭއްވުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "އަލުން އެ ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވުމުން ވަޒީރު ރާފިޢު ވިދާޅުވީ އުއްމީދަކީ އެފްއޭއެމް ނޯމަލައިޒްވެ، ހަރަކާތްތައް ފެށިގެން ކުރިއަށްދިޔުން ކަމަށެވެ.

މިހާރު ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އެފްއޭއެމްގެ ތާވަލާ އެއްގޮތަށް ކުލަބުތަކާއި، ނޯމަލައިޒޭޝަން ކޮމިޓީއާ ވާހަދައްކައިގެން މުބާރާތްތައް ކުރިއަށްގެންދިޔުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޓީމުތަކަށް އަދިވެސް އިތުރަށް ކުރިއަށް ދިޔުމައްޓަކައި މައްސަލަތައް ދިމާވާނަމަ ހައްލުކުރުމަކީވެސް އިސްކަން ދެއްވާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އަހަރަކީ ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރޭ އަހަރަކަމަށް ވުމާއެކު، މިހާރު މަޝްވަރާ ކުރަމުންދަނީ އެކަން ފާހަގަކުރުމަށް ބާއްވާނެ ހާއްސަ މުބާރަތަކާ ގުޅޭގޮތުން ކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ފުޓްބޯޅައިގެ ފޯރި އިތުރުކުރުމުގެ މަޝްވާރާތަށްވެސް ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

"އެހެންވީމަ ވާގޮތަކީ ފީފާއިންވެސް އޭއެފްސީންވެސް އަޅުގަނޑުމެން ޑިވޮލޮޕްމަންޓަށް ކުރާ ހޭދަ، އެއަށް ސަޕޯޓު ލިބުން ގާތްވާނެ. އިލެކްޝަން ޕްރޮސެސް ކުރިއަށް ގެންދިޔުމާ އަދި ހަމައެއާ އެކު ރާއްޖޭގައި މުބާރާތްތަކެއް ބޭއްވިގެން އަދި އަތޮޅުތެރޭގައި. ޒޯންތަކުގެ މެދު މުބާރާތްތައް ބޭއްވިގެން ދާނެ ގޮތަކާމެދު އަޅުގަނޑުމެންނަށް މަޝްވަރާކުރެވިގެން މި ދަނީ." ރާފިޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތަކީ ފީފާގެ މަންދޫބުންނާއެކު އެފްއޭއެމްގެ އިންތިޚާބު އަވަސްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މުބާރާތްތައްް އިއުލާން ކުރެވިގެންދާނީ އެފްއޭއެމްއާ އަލަށް ހަވާލުވާ ބަޔަކު އިންތިޚާބުވުމުން ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވިއިރު، އެފްއޭއެމް އިން މި ފަހުން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، ޑިސިޕްލިނަރި ކޮމިޓީ އާއި އެތިކްސް ކޮމިޓީ އަދި އެޕީލް ކޮމިޓީވެސް ފާސްކޮށްފައެވެ. އަދި އެފްއޭއެމްގެ ފާއިތުވި ދެ އަހަރުގެ މުއާމަލާތްތައް އޮޑިޓުކުރުމަށް ކޮންގްރެސްއިން ކަނޑައަޅާފައިވާ އޮޑިޓް ފާމަކީ "ޕްރުޓަންޑް ޗާޓެޑް އެލްއެލްޕީ" އެވެ.