ކުޅިވަރު

ރަމަޟާން 7ވީ7 ލީގު: ދެވަނަ ބުރުގައި ސޮކަރ ވެޓެރަންސް އާއި ހައިނުސްއަށް މޮޅެއް


މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2025 ގެ މާސްޓަރސް ކެޓަގަރީގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުތަކުން ސޮކަރ ވެޓެރަންސް އާއި ހިންނަވަރު ހައިނުސް މޮޅުވެއްޖެއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން މިއަދު ފެށިއިރު، ދެވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން ސޮކަރ ވެޓެރަންސް މޮޅުވީ ކުލަބު ވެލެންސިއާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗަށް އެމްއެސް މޭޓްސްގެ ޓީމު ހާޒިރުވެފައި ނުވާތީ ހައިނުސް މޮޅުވި ކަމަށް ވަނީ ނިންމާފައެވެ.

ދެ ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތް ޚާއްސަކޮށްފަވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށެވެ.