އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބާއި ހުއްރިއްޔާ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗުގައި ހުއްރިއްޔާއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެކަމަކު މާ އެދެވޭ ގޮތެއްގައި އެ ހަމަލާތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އަދި ސިފައިންގެ ޓީމުންވެސް ވަނީ މި މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ.
މި ނަތީޖާއާއެކު ގުރޫޕު އޭގެ އެއްވަނައިގައި ސިފައިން ކުލަބު އޮތީ ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ހުއްރިއްޔާ އާއި ތިންވަނައިގައި އޮތް ވިލިމާލެ ޔުނައިޓެޑަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެ ދެ ޓީމަށް ބާކީ އަދި މެޗެއް އެބައޮތެވެ. އަދި މި ގްރޫޕުގެ ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޒެލޮޓަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.