ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި ކުޅުނު ފުރަތަމަ މެޗުތަކުން ޓީމު ޚާރިޖީ އާއި ކުޅިވަރާ ބެހޭ ވުޒާރާ މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި މި ފަހަރުވެސް ތިން މުބާރާތެއް ހިމެނެއެވެ. އެގޮތުން ސަރުކާރު އޮފީސްތަކަށް ހުޅުވާލެވިގެން ބާއްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުން މިއަދު ފެށިއިރު، މީގެ ކުރިން ވަނީ ދިވެހީންނަށް ހުޅުވާލައިގެން ބޭއްވި އޯޕަން ޓޭޕްބޯލް މުބާރާތުގެ ކުޅުން ނިމިފައެވެ. އަދި ކާނިވަލުގެ ފަހު މުބާރާތަކީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ.
އޮފީސް ޓެޕްބޯލް މުބާރާތުގައި މި ފަހަރު ހަ ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން ޚާރިޖީ މޮޅުވީ ކުލަބު އިމިގްރޭޝަންއާ ވާދަކޮށް ހަ ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ޚާރިޖީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 117 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 33 ލަނޑު ހެދި އާރިފް ރިޒާއެވެ. ޖަވާބުގައި އިމިގްރޭޝަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 20 ބޯޅައިން 36 ލަނޑު އެއްކުރި ހަސަން ރިޔާޒްއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުން ކުޅިވަރާ ބެހޭ ވުޒާރާ މޮޅުވީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އަތުން އެއް ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ކުޅިވަރާ ބެހޭ ވުޒާރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 127 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 15 ބޯޅައިން 32 ލަނޑު ހެދި ހަމްދާން ޖައުފަރާއި، ނުވަ ބޯޅައިން 31 ލަނޑު އެއްކުރި ސައިފުލް އިސްލާމްގެ އިތުރުން ނުބައިނުވެ 15 ބޯޅައިން 30 ލަނޑު ހެދި އިމާދު އިސްމާޢީލެވެ. ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 126 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 22 ލަނޑު އެއްކުރި މުޙައްމަދު އާމިރެވެ.